ޖަލުގައި ހުންނެވި ޚާލިދާ ޒިޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ޑާކާ (އޮކްޓޯބަރު 6) - ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ އަށް ފަރުވާ ދިނުމަށް ޑާކާގެ ހޮސްޕިޓަލެއްގައި މިއަދު އެޑްމިޓްކޮށްފި އެވެ.


އުމުރުން 73 އަހަރުގެ ޚާލިދާ ޒިޔާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަނާ މިހާރު އެޑްމިޓްކޮށްފައި ވަނީ ބަންގްބަންދު ޝެއިޚް މުޖީބް މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގަ އވެ.

ޚާލިދާގެ ވަކީލުން ހައި ކޯޓަށް ދިޔައީ އެކަމަނާގެ ބޭސް ފަރުވާ އަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ އެވެ. ޚާލިދާ މިދިޔަ މަހު ވިދާޅުވެފައި ވަނީ އެކަމަނާ ބޭސްފަރުވާ އިން މަހްރޫމްކޮށްފައިވުމުގެ ސަބަބުން އަތާއި ފައި ވާގިނެތެމުންދާ ކަމަށެވެ. ޚާލިދާގެ ވަކީލުން ބުނެފައި ވަނީ ސަރުކާރުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރި ނަމަވެސް ފަރުވާ ދޭނީ ޚާލިދާގެ އަމިއްލަ ޑޮކްޓަރުން ކަމަށެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ޚާލިދާގެ މައްޗަށް އިއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. ޚާލިދާ ބަހައްޓާފައި ހުންނަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު ހަދާފައި ހުރި ޑާކާ ސެންޓްރަލް ޖަލުގަ އެވެ. އެ ޖަލު ވަނީ 2016 ވަނަ އަހަރު ބަންދުކޮށްފަ އެވެ. އެހެންވެ އެ ޖަލުގައި ބަހައްޓާފައި ހުރި ހަމައެކަނި ގައިދީ އަކީ ޚާލިދާ އެވެ. ޖަލުގައި ހުރި ގޮޅި މިދިޔަ މަހު ވަނީ ކޯޓްރޫމަކަށް ބަދަލުކޮށް ޚާލިދާގެ ޝަރީއަތެއް ކުރިއަށް ގެންގޮސްފަ އެވެ. އެއީ ބަލި ހާލަތު ހުރި ގޮތުން ޚާލިދާ ކޯޓަށް ވަޑައިގަތުމަށް އުޒުރުވެރިވުމުންނެވެ.