ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ބޮޑު އިނާމެއް ދޭނަން: އިމްރާން ޚާން

އިސްލާމްއާބާދު (އޮކްޓޯބަރު 8) - ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ބޮޑެތި އިނާމުތަކެއް ދޭނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި އިމްރާން ޚާން ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓް ކުރާ މީހުންނަށް އިނާމު ދިނުމުގެ ގާނޫނު ވަރަށް އަވަހަށް ޕާލަމެންޓަށް ހުށަހަޅާނެ ކަމަށެވެ. މި ގޮތުން އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ކޮރަޕްޝަނުން ގެއްލިފައިވާ ފައިސާގެ ތެރޭން ސަރުކާރަށް އަނބުރާ ގެންނަ ފައިސާ އިން ވަކި ބައެކެވެ.

"އަލަށް ތައާރަފް ކުރާ ގާނޫނުގެ ސަބަބުން ކޮރަޕްޝަން ހުއްޓުވަން މަގުފަހިވެގެން ދާނެ. މި ގޮތުން ކޮރަޕްޝަންގެ ތެރޭން ގެއްލިފައިވާ ފައިސާ ހޯދާ އިރު އޭގެ ތެރޭން 20 ޕަސެންޓް އެ ފައިސާ ހޯދަން މަގު ފަހިކޮށްދިން ފަރާތަކަށް ލިބޭނެ. އަނެއް 80 ޕަސެންޓް ހޭދަކުރާނީ ޕާކިސްތާނުގެ ދަރަނި ދެއްކުމަށް،" ލާހޯރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިމްރާން ޚާން ވިދާޅުވި އެވެ.

އިމްރާން ޚާން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ކޮރަޕްޝަންގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ޕާކިސްތާނުން ގެއްލިފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދިއްޖެ ނަމަ ޕާކިސްތާނުގެ ދަރަންޏަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިމްރާން ޚާން ވިދާޅުވީ ކޮރަޕްޝަންގެ މައުލޫމާތު ހިއްސާ ކުރާ ފަރާތްތައް ހިމާޔަތް ކުރެވޭނެ ގޮތްތައް ބިލުގައި ހިމަނާނެ ކަމަށެވެ.

ޕާކިސްތާނުގެ ފައިސާގެ އަގު ވެއްޓި ގައުމު މިހާރު ވަނީ އިގްތިސާދީ ބޮޑު ވަޅުގަނޑެއްގެ ތެރޭގަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މިދިޔަ އަހަރުގެ ޖުލައި މަހު މަގާމުން ދުރުކުރީ ކޮރަޕްޝަނުގެ ތުހުމަތުގަ އެވެ. މިދިޔަ ޖުލައި މަހު ވަނީ ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަވާޒް ޝަރީފް މިހާރު ހުންނެވީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ނަވާޒް ޝަރީފުގެ ބަދަލުގައި ޕާޓީ ހިންގަން ހަވާލުވި އެމަނިކުފާނުގެ ކޮއްކޮ ޝަހްބާޒް ޝަރީފް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ.