ޚާލިދާ ޒިޔާގެ އެއް އަތް ހަރަކާތެއް ނުކުރޭ: ޑޮކްޓަރު

ޑާކާ (އޮކްޓޯބަރު 9) - ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ އެއް އަތް ހަރަކާތް ނުކުރާ ކަމަށް އެކަމަނާގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަނުގެ ކުށުގައި އުމުރުން 73 އަހަރުގެ ޚާލިދާ ފަސް އަހަރަށް ޖަލަށްލީ މިދިޔަ ފެބްރުއަރީ މަހު އެވެ. ޚާލިދާ ޒިޔާ ބަންދުގައި ކޮށްފައި ހުރި ޑާކާގެ ސެންޓްރަލް ޖަލުގައި ހުރީ އެކަމަނާ އެކަންޏެވެ. އެ ޖަލު ވަނީ 2016 ވަނަ އަހަރު ބަންދުކޮށްފަ އެވެ.

ހައި ކޯޓުގެ އަމުރުގެ ދަށުން ޚާލިދާ ޒިޔާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ހޮސްޕިޓަލަށް ބަދަލު ކޮށްފަ އެވެ.

"ޚާލިދާ ޒިޔާގެ ހާލު ވަނީ ވޭތުވެދިޔަ މަސްތަކުގައި ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައި،" ބަންގްބަންދު ޝެއިޚް މުޖީބް މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގައި ޚާލިދާ އަށް ފަރުވާ ދޭ ޑޮކްޓަރު އަބްދުލް ޖަލީލް ޗައުދަރީ ވިދާޅުވި އެވެ. "އާތުރައިޓިސްގެ ސަބަބުން އެކަމަނާގެ ވާތް އެއްގޮތަކަށް ވެސް ހަރަކާތެއް ނުކުރޭ."

ޑޮކްޓަރު ވިދާޅުވީ ޚާލިދާގެ ކަރުގަ އާއި އުނަގަނޑުގައި ވެސް ވަރަށް ބޮޑަށް ރިއްސާ ކަމަށެވެ. އަދި ޚާލިދާ އަކީ ހަކުރު ބަލި ހުންނަ މީހެއްގެ އިތުރުން ކަކުލު ހުޅު ބަދަލުކޮށްފައިވާ މީހެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި 1991-1996 އަށް އަދި 2001 އިން 2006 އަށް ވެރިކަން ކުރެއްވި ޚާލިދާގެ ވަކީލުން ވިދާޅުވެފައި ވަނީ ސަރުކާރުން ވަނީ އެކަމަނާގެ ސިއްހީ ހާލަތު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.