އެމެރިކާގެ އދ. ސަފީރު އިސްތިއުފާ ދީފި

ނިއު ޔޯކް (އޮކްޓޯބަރު 8) - އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ނިކީ ހޭލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ނަމަވެސް އެކަމަނާ މަގާމުން ވަކިވެވަޑައިގަންނަވާނީ މި އަހަރު ފަހުކޮޅު އެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެކަން ޔަގީން ކޮށްދެއްވައިފަ އެވެ.

ސައުތު ކެރޮލީނާގެ ކުރީގެ ގަވަރުނަރު އެމެރިކާގެ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ޖެނުއަރީ 2017 ގަ އެވެ.

ޓްރަމްޕް ވިދާޅުވީ މަގާމުން ވަކިވެވަޑައިގަންނަވާ ވާހަކަ ހޭލީ ވަނީ މީގެ ހަ މަސް ދުވަހު ވެސް ކުރިން އެމަނިކުފާން އަރިހު ދަންނަވާފައި ކަމަށެވެ.

އެމެރިކާގައި 2020 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ހޭލީ ކުރިމަތިލައްވަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އިންޑިއާ ދަރިކޮޅުގެ ހޭލީ ވިދާޅުވެފައި ވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށާއި އޭގެ ބަދަލުގައި ޓްރަމްޕަށް ކެމްޕޭން ކުރައްވާނީ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ހޭލީގެ ބަދަލުގައި އެ މަގާމަށް ހަމަޖައްސާނެ މީހަކު ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަސް ތެރޭ އިއުލާން ކުރައްވާނެ ކަމަށެވެ.