ގެއްލިފައިވާ ނޫސްވެރިޔާގެ ލޯބިވެރިޔާ ޓްރަމްޕުގެ އެހީއަށް އެދިއްޖެ

އިސްތަންބޫލް (އޮކްޓޯބަރު 10) - ގެއްލިފައިވާ ސައުދީ އަރަބިއާގެ ނޫސްވެރިޔާ ހޯދުމުގައި އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކިބައިން ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގީޒް އެދިއްޖެ އެވެ.


ޓްރަމްޕުގެ އެހީ އަށް އޭނާ އެދިފައި ވަނީ ވޮޝިންޓަން ޕޯސްޓަށް ފޮނުވި ލިޔުމެއްގަ އެވެ. ހާޝޮގްޖީ އަކީ ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެކެވެ.

ތަޖްރިބާކާރު ނޫސްވެރިޔާ ގެއްލިފައި ވަނީ މި މަހު 2 ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. ހާޝޮގްޖީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ ރައްޔިތެއް ކަމަށްވާ ޚަދީޖާއާ ކައިވެނި ކުރަން ބޭނުންވާ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށެވެ.

ތުރުކީ ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭ ހާޝޮގްޖީ މަރާލީ ކަމަށެވެ. އެކަމަކު ސައުދީން ބުނެފައި ވަނީ އެއީ ދޮގެއް ކަމަށެވެ. އަދި ކޮންސިއުލޭޓަށް ހާޝޮގްޖީ ދިޔަ ބޭނުން ނިމުމުން އޭނާ އެނބުރި ދިޔަ ކަމަށް ބުނެފައިވެ އެވެ.

ޚަދީޖާ ލިޔެފައިވާ ގޮތުގައި ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ގާބިލްކަމާ މެދު އޭނާ ސުވާލެއް ނުއުފައްދަ އެވެ. އެކަމަކު މި ދަނޑިވަޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ޓްރަމްޕުގެ އެހީ އިންތިހާ އަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

"މީގެ އިތުރުން ކޮންސިއުލޭޓުގެ ފުޓޭޖް އާއްމު ކުރަން ސައުދީ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ކިބައިން އެދެން،" ޚަދީޖާ ލިޔެފައިވެ އެވެ.

ހާޝޮގްޖީ ގެއްލުނު މައްސަލާގައި ކަންބޮޑުވާ ކަމަށް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވިދާޅުވެފަ އެވެ.