އިސްތަންބޫލް (އޮކްޓޯބަރު 10) - ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލަން ރާވާފައިވާ ކަމަށް ހެކި ލިބޭ ކަމަށް ބުނާ ވީޑިއޯއެއް ތުރުކީގެ ބައެއް މީޑިއާތަކުން އާއްމުކޮށްފި އެވެ.
ތުރުކީން ބުނާ ގޮތުގައި އެ ވީޑިއޯ އިން ފެންނަނީ ސައުދީގެ އިންޓަލިޖެންސް އޮފިސަރުންތަކެއް އިސްތަންބޫލް އެއާޕޯޓަށް އެތެރެވުމަށް ފަހު އަނބުރާ ދާ މަންޒަރެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝޮގްޖީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ މި މަހު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ ޚާޝޮގްޖީ މަރާލީ ކަމަށެވެ. އެކަމަކު ސައުދީ އަރަބިއާ އިން އެކަން ދޮގު ކުރެ އެވެ.
ތުރުކީގެ ޓީއާރުޓީ ވޯލްޑް ޗެނަލް އިން ބްރޯޑްކާސްޓް ކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ކޮންސިއުލޭޓަށް ވެހިކަލްތަކެއް ދަތުރުކޮށްފައިދެ އެވެ. އަދި އިސްތަންބޫލް އެއާޕޯޓަށް ސައުދީ ބަޔަކު އެތެރެވާ މަންޒަރާއި އެ މީހުން ހޮޓަލަކަށް ޗެކިންވާ މަންޒަރު ފެނެ އެވެ. އޭގެ ފަހުން އެ މީހުން ފުރައިގެންދާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ ސެކިއުރިޓީ ކެމެރާއެއްގެ ވީޑިއޯއެކެވެ.
އިސްތަންބޫލް ކޮންސިއުލޭޓަށް ޚާޝޮގްޖީ ދިޔައީ ތުރުކީ އަންހެނަކާ ކައިވެނި ކުރާތީ، އޭނާ ކުރިން ކުރި ކައިވެންޏެއްގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ނޫސްވެރިޔާ އަށް ވީގޮތެއް ބަލަން ސައުދީން ވެސް ބޭނުންވާ ކަމަށެވެ. ސައުދީ ފޮރިން މިނިސްޓްރީން ވަނީ ކޮންސިއުލޭޓް ބަލާ ފާސްކުރުމުގައި ތުރުކީ އަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ސައުދީ ސަފީރު ޚާލިދު ބިން ސަލްމާން ވިދާޅުވެފައި ވަނީ ނޫސްވެރިޔާއާ ގުޅިގެން ސައުދީގެ ބޮލުގައި އަޅުވާ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.