އިރާގުގެ ކެބިނެޓަށް ދާން ބޭނުންވާ މީހުން އޮންލައިންކޮށް ހުށަހެޅުމަށް އަންގައިފި

ބަޣުދާދު (އޮކްޓޯބަރު 11) - އިރާގުގެ އާ ކެބިނެޓުގެ މެންބަރަކަށްވާން ބޭނުންވާ މީހުން އޮންލައިންކޮށް ހުށަހެޅުމަށް ޚާއްސަ ވެބްސައިޓެއް ބޮޑު ވަޒީރު ކަމަށް އައްޔަންކޮށްފައިވާ އާދިލް އަބްދުލް މާހްދީ ލޯންޗް ކުރަައްވަިއިފި އެވެ.


މަހްދީގެ ފޭސްބުކުގައި ލިޔުއްވާފައިވާ ބަޔާނެއްގައި ވަނީ ތަޖްރިބާކާރުންނާއި އެކި ދާއިރާތަކުން ޚާއްސަ މީހުން އަދި އަމަލީ ތަޖްރިބާ ހުރި މީހުން ކެބިނެޓުގެ މެންބަރު ކަމަށް ހުށަހެޅުމަށް ދައުވަތު ދެއްވައިފަ އެވެ. އެ މީހުންގެ ސީވީ މިއަދުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އިރާގުގައި ބޭއްވި އިންތިޚާބަށް ފަހު ސަރުކާރެއް އުފެއްދުމަށް ހުރަސްތައް ކުރިމަތިވެފައި ވަނިކޮށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު މަހްދީ އަށް ދިނީ މިދިޔަ ހަފުތާގަ އެވެ. ޝިޔައީ ސިޔާސީ ފަރާތެއް ކަމަށްވާ މަހްދީ ވަނީ އިކޮނޮމިކްސް އިން ޕީއެޗްޑީ ނަންގަވައިފަ އެވެ. އޭނާ ވަނީ ނައިބް ރައީސް ކަމާއި ތެލާ ބެހޭ މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ސަރުކާރެއް އުފެއްދުމަށް އަންނަ މަހު 1 އާ ހަމައަށް މަހްދީ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ފޭސްބުކް ޕޯސްޓުގައި މަހްދީ ވިދާޅުވެފައި ވަނީ ކެބިނެޓަށް މެންބަރުން ނަގަން އާއްމުކޮށް ހުޅުވާލަން ނިންމީ އެކި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކުން ލިބުނު ޚިޔާލުތަކުގެ އަލީގައި ކަމަށެވެ. މިނިސްޓަރު ކަމަށް ހުށަހަޅާ ފަރާތްތަކުން އެ މީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކާއި ހިންގަން ބޭނުންވާ މިނިސްޓްރީއަކާއި އެ މިނިސްޓްރީއެއްގައި ހިންގާނެ އެންމެ މުހިންމު ޕްރޮޖެކްޓްތައް ފަދަ މައުލޫމާތު ހިމަނަން ޖެހެ އެވެ. މީގެ އިތުރުން މިނިސްޓްރީގައި ދިމާވެދާނެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް ވެސް ހުށަހަޅަން ޖެހެ އެވެ.

އިރާގުގެ ކުރީގެ ސަރުކާރުތަކަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނާއި ހިންގުން ދޯދިޔާވުމާއި ސިޔާސީ އަދި ދީނީ ދެބަސްވުންތައް ބޮޑުވުމެވެ.

މަހްދީގެ ކުރިމަތީގައި އޮތް އެންމެ ބޮޑު މަސައްކަތަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކުރި ހަތަރު އަހަރުގެ ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ އިރާގު އަލުން އާރާސްތު ކުރުމެވެ.