ތިން ވަނަ އަށް އެންމެ ބާރުގަދަ ތޫފާން އެމެރިކާ އަށް އަރައިފި

ފްލޮރިޑާ (އޮކްޓޯބަރު 11) - އެމެރިކާގެ ތާރީޚުގައި މިހާތަނަށް އެރި އެންމެ ބާރުގަދަ ތޫފާން ފްލޮރިޑާ އަށް އަރައިފި އެވެ.


ތޫފާނުގައި ވަނީ ބީޗުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ އެތައް ބައިވަރު ގަހެއް ވެއްޓިފަ އެވެ. ހަރިކޭން މައިކަލް ފްލޮރިޑާ އަށް އެރި އިރު ހުރީ ކެޓަގަރީ ހަތަރެއްގެ ބާރު މިނުގަ އެވެ. އޭރު ތޫފާނުގައި ވައި ޖެހެމުން ދިޔައީ ގަޑިއަކު 155 މޭލު (250 ކިލޯ މީޓަރު) ގެ ބާރު މިނުގަ އެވެ.

ތޫފާން މައިކަލްގެ ބާރުމިން ހުރީ ކެޓަގަރީ ހަތަރެއްގައި. --ފޮޓޯ:ގެޓީ އިމޭޖަސް

އޮފިޝަލުން ބުނީ ތޫފާނުގެ ގަދަ ވައިގައި ވެއްޓުނު ގަހަކުން ޖެހި ދެ މީހުން މަރުވެފައިވާ ކަމަށެވެ. ތޫފާނުގެ ސަބަބުން ފްލޮރިޑާ އިން ވަނީ ބައި މިލިއަނެއްހާ މީހުންނަށް ކަރަންޓުގެ ޚިދުމަތުން މަހްރޫމްވެފަ އެވެ.

އެމެރިކާ އަށް މީގެ ކުރިން އެރި އެންމެ ބާރުގަދަ ތޫފާނުގެ ގޮތުގައި ރެކޯޑްކޮށްފައި ވަނީ ފްލޮރިޑާ އަށް 1935 ވަނަ އަހަރު އެރި ލޭބަ ޑޭ ހަރިކޭން އެވެ. ދެ ވަނަ އެންމެ ބާރުގަދަ ތޫފާނެއް ކަމަށް ބެލެވިފައި ވަނީ 1969 ވަނަ އަހަރު މިސިސިޕީ އަށް އެރި ހަރިކޭން ކެމިލީ އެވެ.

ތޫފާނުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޕެނަމާ ސިޓީ އަށް. --ފޮޓޯ:އޭއެފްޕީ

ހަރިކޭން މައިކަލްގެ ބާރުމިން އަންގާރަ ދުވަހު ހުރީ ކެޓަގަރީ ދޭއްގަ އެވެ. ބުދަ ދުވަހު ވަނީ ކެޓަގަރީ ފަހެއްގެ ބޯޑަލައިނަށް ތޫފާނުގެ ބާރުމިން އަރައިފަ އެވެ. ކެޓަގަރީ ފަހަކީ ތޫފާންތަކުގެ އެންމެ ބާރު މިނެވެ.