އިންޑޮނީޝިއާގެ ޖާވާ އާއި ބާލީ އަށް ބިންހެލުމެއް އަތުވެއްޖެ

ބާލީ (އޮކްޓޯބަރު 11) - އިންޑޮނީޝިއާގެ ޖަވާ އާއި ބާލީ އަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.


ރިކްޓަ މިންގަނޑުން 6 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް ވަނީ ތިން މީހުން މަރުވެފަ އެވެ. ނޭޝަނަލް ޑިޒާސްޓާ އެޖެންސީން ބުނީ ބިންހެލުމުގައި އީސްޓް ޖާވާ އިން މީހުން މަރުވެފައި ވަނީ ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން ކަމަށެވެ.

"ފަތިހު ބިންހެލުން އައިއިރު ގިނަ މީހުން ތިބީ ނިދަން. އެހެންވެ ސަލާމަތްވާން ގިނަ މީހުންނަށް ވަގުތެއް ނުލިބުނު،" ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނެފައިވެ އެވެ.

ބިންހެލުމުގެ އަސަރު ވަނީ ބާލީގެ ޑެންޕަންސާ އަށް ވެސް ކޮށްފަ އެވެ. ބިންހެލުން އައުމާ އެކު ބާލީގެ މައި އެއާޕޯޓުގެ ދެކުނުގެ ހޮޓަލެއްގައި ތިބި ގެސްޓުން ވަނީ ބޭރަށް ނުކުމެފަ އެވެ.

ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެ އެވެ.

އިންޑޮނީޝިއާގެ ސުލަވެސީ އަށް 7.5 ގެ ބާރު މިނުގައި މިދިޔަ މަހު ފަހުކޮޅު އައި ބިންހެލުމުގައި ވަނީ 2،000 މީހުން މަރުވެ 5،000 އަށް ވުރެ ގިނަ މީހުން ގެއްލިފަ އެވެ. އެ ބިންހެލުމަށް ފަހު ވަނީ ސުނާމީއެއް އަރައިފަ އެވެ.