ސައުދީ ކޮންފަރެންސް އެމެރިކާ، އިނގިރޭސި ވިލާތުން ބޮއިކޮޓްކޮށްފާނެ

ވޮޝިންޓަން (އޮކްޓޯބަރު 14) - ސައުދީ އަރަބިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ބޮޑު އިވެންޓެއް ބޮއިކޮޓްކޮށްފާނެ ކަމުގެ އިންޒާރު އެމެރިކާ އާއި އިނގިރޭސި ވިލާތުން ދީފި އެވެ.


ރިޔާޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް ފޯރަމް ބޮއިކޮޓް ކޮށްފާނެ ކަމަށް އެ ދެ ގައުމުން ބުނެފައި ވަނީ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ ގެއްލުނު މައްސަލައިގަ އެވެ. ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ޚާޝޮގްޖީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ މި މަހު 2 ވަނަ ދުވަހު އެވެ. ތުރުކީން ބުނަމުން ދަނީ ނޫސްވެރިޔާ ކޮންސިއުލޭޓުގައި މަރާލީ ކަމަށެވެ. ނަމަވެސް ސައުދީން އެކަން ދޮގު ކުރެ އެވެ.

ޑިޕްލޮމެޓިކް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި "ޑާވޮސް އިން ޑެޒާޓް"ގެ ނަމުން މަޝްހޫރު ފޯރަމްގައި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވް ނޫޗިން އާއި އިނގިރޭސި ވިލާތުގެ އިންޓަނޭޝަނަލް ޓްރޭޑް ސެކްރެޓަރީ ލިއަމް ފޮކްސް ބައިވެރިވުމަކީ ނާދިރު ކަމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޫސްވެރިޔާ ގެއްލުމުގައި ސައުދީން ޒިންމާ އުފުލަން ޖެހޭ ނަމަ އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އިނގިރޭސި ވިލާތުގެ ބިލިއަނަރު ރިޗަޑް ބްރެންސަން ވެސް ވަނީ ސައުދީގައި އިންވެސްޓް ކުރަން ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓާލަން ނިންމައިފަ އެވެ.