މައްސަލަ ހޫނުވެފައި ވަނިކޮށް އެމެރިކާގެ ޚާރިޖީ ވަޒީރު ސައުދީ އަށް

ވޮޝިންޓަން (އޮކްޓޯބަރު 16) - ނޫސްވެރިޔާ ހަމާލް ޚާޝޮގްޖީ ގެއްލިފައިވާ މައްސަލާގައި ސައުދީ އަރަބިއާ އަށް އެތައް ތުހުމަތެއް ކޮށްފައިވާ ވަނިކޮށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ސައުދީ ރަސްގެފާން ސަލްމާންއާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.


ސައުދީ އަށް ފަހު ޕޮމްޕިއޯ ދެން ވަޑައިގަންނަވާނީ ތުރުކީ އަށެވެ. ޚާޝޮގްޖީ އެންމެ ފަހުން ފެނިފައި ވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންނަނިކޮށް މި މަހު 2 ވަނަ ދުވަހު އެވެ. ތުރުކީން ތުހުމަތުކޮށްފައި ވަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށެވެ. ނަމަވެސް ސައުދީން އެކަން ދޮގު ކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީ ރަސްގެފާން ސަލްމާން އަށް ފޯނުން ގުޅުއްވައި ނޫސްވެރިޔާ ގެއްލުނު މައްސަލާގައި މަޝްވަރާ ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ނޫސްވެރިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްގެފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނޫސްވެރިޔާ ގެއްލުނު މައްސަލަ ތަހުގީގުކުރަން ސައުދީ ރަސްގެފާން ވަނީ އަންގަވައިފަ އެވެ.

ތުރުކީ ފުލުހުން އިއްޔެ ވަނީ އިސްތަންބޫލް ކޮންސިއުލޭޓަށް ވަދެ ބަލައި ފާސްކޮށްފަ އެވެ.