ނޫސްވެރިޔާގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ސައުދީގެ 100 މިލިއަން ޑޮލަރު އެމެރިކާ އަށް

ރިޔާޒް (އޮކްޓޯބަރު 19) - ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ގެއްލުމުން ސައުދީ އަށް އެތައް ތުހުމަތެއް ކުރަމުން ދަނިކޮށް ސައުދީ އަރަބިއާ އިން އެމެރިކާ އަށް 100 މިލިއަން ޑޮލަރު މިދިޔަ އަންގާރަ ދުވަހު ދީފި އެވެ.


އެ ފައިސާ އެމެރިކާ އަށް ހަވާލުކޮށްފައި ވަނީ ނޫސްވެރިޔާ ގެއްލުނު މައްސަލާގައި މަޝްވަރާ ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ސައުދީ އަށް ވަޑައިގެންނެވި ދުވަހު އެވެ.

ސައުދީން ބުނެފައި ވަނީ އެއީ ސީރިއާގައި ހަމަޖެހުން ގާއިމްކުރަން އެމެރިކާ އިން ކުރާ މަސައްކަތަށް އެހީތެރިވުމަށް ދިން ފައިސާގެ އެހީއެއް ކަމަށެވެ.

ނަމަވެސް މި ފައިސާ އެމެރިކާ އަށް ދިން ދަނޑިވަޅާ މެދު ބައެއް މީޑިއާތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ނޫސްވެރިޔާގެ މަރުގެ ތުހުމަތު ސައުދީ އަށް ކުރެވެމުންދާ ދުވަސްވަރެއްގައި އެމެރިކާ އަށް ފައިސާ ދީފައިވާތީ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ސައުދީން ދިން ފައިސާ އާއި ނޫސްވެރިޔާގެ މަރާ ގުޅުމެއް ނެތް ކަމަށެވެ. އަދި ސައުދީ އޮފިޝަލުންނާ އެކު ޕޮމްޕިއޯ ބޭއްވި ބައްދަލުވުމުގައި އެފަދަ މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނޫސްވެރިޔާގެ މަރާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ވިދާޅުވެފައި ވަނީ އެ ކަމުގެ ޒިންމާ ސައުދީން އުފުލަން ޖެހޭ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ޓްރަމްޕުގެ ރާގު ބަދަލުވެ ސައުދީއާ މެދު ކަންތައް ކުރަމުން ދަނީ ކުށްވެރިވުމުގެ ކުރިން ކުށްވެރިއެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.