ޓްރަމްޕް ޓަވަރަށް އަރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި

ނިއު ޔޯކް (އޮގަސްޓް 11) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ ހެޑްކުއާޓަރު ހުންނަ ޓްރަމްޕް ޓަވަރުގެ ބޭރުން އެ އިމާރާތަށް އަރަން މަސައްކަތް ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ނިއު ޔޯކުގައި ހުންނަ 58 ބުރީގެ އިމާރާތަށް އަރަން އެ މީހާ މަސައްކަތް ކުރީ ވާގަނޑަކާއި ސަކްޝަން ކަޕް ބޭނުންކޮށްގެންނެވެ. އެ މީހާ އިތުރަށް މައްޗަށް އެރިޔަ ނުދިނުމަށް އިމާރާތުގައި ތިބި މީހުން ވަނީ ކުޑަ ދޮރުތަކުން ބިއްލޫރި ނައްޓައިފަ އެވެ. އެކަމަކު ފުލުހުން ވަނީ އެ މީހާ 21 ވަނަ ބުރިއާ ހަމައަށް އެރިތަނުން އިމާރާތުގެ ތެރެއަށް ދަމައިގެންފަ އެވެ. އޭނާ އިމާރާތުގެ މައްޗަށް އަރަން އުޅުނީ ފަސް ވަނަ ބުރީގެ ޓެރަސް އިންނެވެ.

ނިއު ޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރަށް މީހަކު އަރަނީ. --ފޮޓޯ:އޭޕީ

ފުލުހުން ބުނީ އިމާރާތަށް އަރަން މަސައްކަތް ކުރީ 20 އަހަރުގެ ވާޖީނިއާގެ ޒުވާނެއް ކަމަށެވެ. އެ މީހާ ބުނެފައި ވަނީ އޭނާ އެ އިމާރާތަށް އެރީ ޓްރަމްޕްއާ ބައްދަލު ކުރަން ކަމަށެވެ. އަދި އެ މީހާ އުޅުނީ އެއްވެސް މީހަކަށް ގެއްލުމެއް ދޭން ކަމަށް ގަބޫލް ނުކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ފުލުހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން އެ މީހާ ޔޫޓިއުބަށް ލީ ވީޑިއޯއެއްގައި ވަނީ އޭނާ އަކީ ރިސާޗްކުރާ މީހެއް ކަމަށާއި ޓްރަމްޕަށް މުހިންމު މެސެޖެއް ދޭން އޭނާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޓްރަމްޕް ޓަވަރަށް އަރަން އުޅުނު މީހާ އިތުރަށް މައްޗަށް އެރިޔާ ނުދޭން ފުލުހުންނާއި އެ އިމާރާތުގެ މަސައްކަތު މީހުން ވަނީ ކުޑަ ދޮރުތަކުން ބިއްލޫރި ނައްޓާލަފައި. --ފޮޓޯ:އޭޕީ

ޓްރަމްޕް ދިރިއުޅުއްވަނީ ވެސް މި އިމާރާތުގަ އެވެ. އެކަމަކު އެ މީހާ އިމާރާތަށް އަރަން އުޅުނު އިރު ޓްރަމްޕް ނިއު ޔޯކުގައި ނޫޅުއްވަ އެވެ.

"އެ މީހާ އެ ވަނީ ވަރަށް މޮޔަ ނުރައްކާ ސްޓަންޓެއް ހަދަން އުޅެފައި،" ޓްރަމްޕް އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް މައިކަލް ކޯއެން ވިދާޅުވި އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ