ޗައިނާގެ 300 މިލިއަން ޑޮލަރުގެ ހައުސިން މަޝްރޫއު ލަންކާ އިން ހުއްޓާލައިފި

ނިއު ދިއްލީ (އޮކްޓޯބަރު 19) - ތިން ސަތޭކަ މިލިއަން ޑޮލަރުގެ ހައުސިން މަޝްރޫއު ޗައިނާ އަށް ދިނުމާ މެދު ސްރީ ލަންކާގެ ޚިޔާލު ބަދަލުވެ އެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ކުރަން ނިންމައިފި އެވެ.


ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިންޑިއާ ދަތުރުފުޅާ ދިމާކޮށް ލަންކާ ސަރުކާރުން ބުނެފައި ވަނީ 28،000 ހައުސިން ޔުނިޓް އިމާރާތް ކުރުން އިންޑިއާގެ އެންޑީ އެންޓަޕްރައިސަސް އާއި ލަންކާގެ ދެ ކުންފުންޏެއް ގުޅިގެން ކުރިއަށް ގެންދަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35.8 ބިލިއަން ރުޕީސް (210 މިލިއަން ޑޮލަރު) އެވެ.

ލަންކާ ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހު ވިދާޅުވީ ހައުސިން މަޝްރޫއުގެ ބައެއް ޔުނިޓްތައް ޗައިނާގެ ކުންފުނިތަކަށް ދިނުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. އެކަމަކު ޗައިނާގެ ރޭލްވޭ ބެއިޖިން އިންޖިނިއަރިން ގްރޫޕް ލިމިޓެޑުން ވަނީ ޖަފްނާގައި 40،000 ހައުސިން ޔުނިޓް އެޅުމުގެ 300 މިލިއަން ޑޮލަރުގެ ބިޑް އެޕްރީލް މަހު ކާމިޔާބުކޮށްފަ އެވެ. އެ ޕްރޮޖެކްޓް ހުއްޓާލީ އެޅި ގަލުން ގެ ރާނަން މީހުން ޑިމާންޑް ކުރަން ފެށުމުންންވެ. މި ޕްރޮޖެކްޓަށް ފަންޑް ކުރަނީ ޗައިނާގެ އެކްޒިމް ބޭންކުންޏެވެ.

ލަންކާގެ އުތުރުގައި އިންޑިއާ އިން ވަނީ 44،000 ގެ އަޅައިދީފަ އެވެ.

ޗައިނާގެ ޚަރަދުގައި ލަންކާގައި ހިންގި ބޮޑެތި އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގެ ސަބަބުން ލަންކާ މިހާރު ވަނީ ދަރަނިވެރިވެފަ އެވެ.