ރޭގަން އާއި ގަރްބަޗޯފްގެ ނިއުކްލިއާ އެއްބަސްވުން ޓްރަމްޕް ނިމުމަކަށް ގެނެސްފި

ވޮޝިންޓަން (އޮކްޓޯބަރު 21) - ސޯވިއެޓް ކުރީގެ ލީޑަރު މިޚައިލް ގަރްބަޗޭފް އާއި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަން 1987 ވަނަ އަހަރު ސޮއިކުރެއްވި ތާރީޚީ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.


ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ 1987 ވަނަ އަހަރުގެ އިންޓަމީޑިއޭޓް-ރޭންޖް ނިއުކްލިއާ ފޯސަސް (އައިއެންއެފް) މުއާހަދާއާ ރަޝިޔާ އިން ޚިލާފުވެފައިވާ ކަމަށެވެ.

"އެމެރިކާ އަށް ނުކުރެވޭ ކަމެއް ކުރުމުގެ ހުއްދަ ރަޝިޔާ އަށް އޮވެގެން ނުވާނެ،" ނެވާޑާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ. "ރައީސް (ބަރަކް) އޮބާމާގެ ސަރުކާރުން އެއްބަސްވުމުން ވަކިނުވީ ކީއްވެ ކަމެއް ނޭނގޭ؟"

އައިއެފްއެފްއާ ޚިލާފަށް ރަޝިޔާ އިން ކްރޫޒް މިސައިލެއް ބިމުން ފޮނުވާލައިފައިވާ ކަމަށް ރައީސް އޮބާމާ 2014 ވަނަ އަހަރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު އެ މުއާހަދާ އިން އެމެރިކާ ވަކިނުވީ ޔޫރަޕުގެ ލީޑަރުންގެ ޕްރެޝަރު ބޮޑު ކުރުމުންނެވެ. ޔޫރަޕްގެ ގައުމުތަކުން ބުނެފައި ވަނީ ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވެއްޖެ ނަމަ ހަތިޔާރުގެ ރޭހެއް އަނެއްކާ ވެސް ފެށިގެންދާނެ ކަމަށެވެ.

ނިއުކްލިއާ މުއާހަދާގައިވާ ގޮތުން 500 އާއި 5،000 ކިލޯ މީޓަރު (310-3،400 މޭލު) ގެ ރާސްތާއެއްގެ ބިމުން އުދުއްސާލައި މެދު ރާސްތާ މިސައިލް ވަނީ މަނާކޮށްފަ އެވެ. އެމެރިކާ އިން ތުހުމަތު ކުރަނީ މުއާހަދާއާ ޚިލާފަށް ނޮވަޓާ 9އެމް729 ނުވަތަ އެސްއެސްސީ-8 ގެ މެދު ރާސްތާ މިސައިލެއް ރަޝިޔާ އިން ވަނީ އުފައްދާފައި ކަމަށެވެ.

ބޮޑު މުއާހަދާއަކުން އެމެރިކާ އެންމެ ފަހުން ވަކިވެފައި ވަނީ 2002 ވަނަ އަހަރު އެވެ. ރައީސް ޖޯޖް ޑަބްލިއު ބުޝް އެ ފަހަރު ވަކިވެފައި ވަނީ އެންޓި-ބެލިސްޓިކް މިސައިލް ޓްރީޓީންނެވެ.