ޕާކިސްތާނަށް ހަ ބިލިއަން ޑޮލަރު ސައުދީން ދެނީ

ރިޔާޒް (އޮކްޓޯބަރު 24) - ޕާކިސްތާނުގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ސައުދީ އަރަބިއާ އިން އެއްބަސްވެއްޖެ އެވެ.


މީގެ ތެރޭން ތިން ބިލިއަން ޑޮލަރުގެ ލޯނު ކުރިއަށް އޮތް އަހަރެއްހާ ދުވަހު ތެރޭ ދީ ނިންމާނެ އެވެ. އަނެއް ތިން ބިލިއަން ޑޮލަރުގެ އެހީ ހަމަޖައްސަނީ ތެލުގެ އިމްޕޯޓުގެ ޕޭމަންޓް ލަސްކޮށްދީގެންނެވެ. ޕާކިސްތާނަށް ދޭ އެހީގެ އެއްބަސްވުންތައް ގާއިމްކޮށްފައި މި ވަނީ ބޮޑު ވަޒީރު އިމްރާން ޚާން ސައުދީ އަށް ކުރައްވާ ދަތުރުގަ އެވެ. އިމްރާން ޚާން ވަނީ ރިޔާޒުގައި ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފަ އެވެ.

"ޕާކިސްތާނުގެ ބެލެންސް އޮފް ޕޭމަންޓް ސަޕޯޓުގެ ގޮތުގައި ތިން ބިލިއަން ޑޮލަރު އެއް އަހަރު ތެރޭ ދިނުމަށް ސައުދީން ވަނީ އެއްބަސްވެފައި،" ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެ އިތުރުން ތެލުގެ އިމްޕޯޓުގެ ޕޭމަންޓް ވަނީ ތިން އަހަރު ދުވަހަށް ލަސްކޮށްދީފަ އެވެ. އޭގެ ފަހުން ވެސް އެ ޕޭމަންޓް ރިވިއު ކުރާނެ އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް އިމްރާން ޚާން ޖުލައި މަހު ވަޑައިގެންނެވި އިރު ވަނީ ބޮޑު ދަރަންޏެއް ބޮލު އަޅަން ޖެހިފަ އެވެ. ޕާކިސްތާނުގެ ބެލެންސް އޮފް ޕޭމަންޓްސް ޑެފިސިޓް ވަނީ 18 ބިލިއަން ޑޮލަރަށް އަރައިފައި ކަމަށް ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުގެ ފަހުގެ ހިސާބުތަކުން ދައްކަ އެވެ. ޕަބްލިކް ސެކްޓާ ދަރަނި 75 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ ޕާކިސްތާނުގެ ޖީޑީޕީގެ 27 ޕަސެންޓެވެ.

"މިހާރު އެންމެ ބޮޑު ސަމާލު ކަމެއް ދެނީ އެކްސްޕޯޓް އިތުރުކޮށް، ފޮރިން އެކްސްޗޭންޖް ރިޒާވް މަތިކޮށް އަދި ޕާކިސްތާން މީހުން ބޭންކްތައް މެދުވެރިކޮށް ރެމިޓެންސް ފޮނުވުމަށް،" ސައުދީގައި އިއްޔެ ފެށި ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް (އެފްއައިއައި) ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިމްރާން ޚާން ވިދާޅުވި އެވެ.

ސައުދީގައި ޕާކިސްތާނުގެ 1.9 މިލިއަން މީހުން އުޅެ އެވެ. ޕާކިސްތާނަށް އެންމެ ގިނައިން ރެމިޓެންސް ފައިސާ ފޮނުވަނީ ސައުދީގައި އުޅޭ މީހުންގެ ފަރާތުންނެވެ.