އައިއެސްގެ ބާނީ އަކީ އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވޮޝިންޓަން (އޮގަސްޓް 12) - ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާނީ އަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކަމަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ފްލޮރިޑާގައި އޮތް ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އައިއެސްގެ ޖަމާއަތުގެ ބާނީ އަކީ އޮބާމާ ކަމަށްވާ އިރު އެ ޖަމާއަތުގެ ދެ ވަނަ ބާނީ އަކީ ހިލަރީ ކްލިންޓަން ކަމަށެވެ. އެހެންވެ މި ދެ މީހުންނަކީ އައިއެސްގެ "އެންމެ އަގު ބޮޑު ދެ ކުޅުންތެރިންގެ ގޮތުގައި" ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ.

ވޭތުވެދިޔަ ދިހަ ވަރަކަށް ދުވަހު ތެރޭ ޓްރަމްޕް ވަނީ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދައިފަ އެވެ. އެންމެ ފަހުން ޓްރަމްޕް ވަނީ އެމެރިކާގައި ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮންނަ މީހުން ހިލަރީ ކްލިންޓަން ވެރިކަމަށް އައުން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ހިލަރީ ވަނީ ޓްރަމްޕް މަސައްކަތް ކުރައްވަނީ ކަނޑައެޅިގެން އަނިޔާވެރިކަމަށް ހިތްވަރު ދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.

އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވި ވާހަކަތަކަށް ވައިޓްހައުސް އިން ރައްދު ދީފައެއް ނުވެ އެވެ. ނަމަވެސް ހިލަރީ ވިދާޅުވީ މިއީ ޓްރަމްޕް ދައްކަވާ ތާކުންތާކު ނުޖެހޭ ވާހަކަތަކަށް އިތުރު ކުރި ބޮޅެއް ކަމަށެވެ.

ޓްރަމްޕުގެ ބަސް މަގު ހުންނަ ގޮތުން ރިޕަބްލިކަން ޕާޓީގެ ވަރަށް ގިނަ އިސް ބަޔަކު މިހާރު ވަނީ ޓްރަމްޕާ ދެކޮޅު ހަދަން ފަށައިފަ އެވެ.