ނޫސްވެރިޔާގެ މަރާ ގުޅޭ މައުލޫމާތު ސީއައިއޭ އިން ޓްރަމްޕްއާ ހިއްސާކޮށްފި

ވޮޝިންޓަން (އޮކްޓޯބަރު 26) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ސީއައިއޭ އިން ރައީސް ޑޮނަލްޑް ޓްރަމްޕްއާ ހިއްސާކޮށްފި އެވެ.


މަރުގެ ތަހުގީގުގައި އެހީވުމަށް ސީއައިއޭގެ ޑިރެކްޓަރު ޖީނާ ހަސްޕެލް ވަނީ ތުރުކީ އަށް ވަޑައިގެންފަ އެވެ. އެނބުރި އެމެރިކާ އަށް ވަޑައިގެން ހަސްޕެލް ވަނީ ޓްރަމްޕްއާ އިއްޔެ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ހަސްޕަލް ތުރުކީ އަށް ކުރެއްވި ދަތުރުގައި ނޫސްވެރިޔާ މަރާލި އަޑުތައް ހިމެނޭ އޯޑިއޯއެއް އަޑުއަހާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނޫސްވެރިޔާގެ މަރާ ގުޅިގެން އިސްތަންބޫލް ކޮންސިއުލޭޓުގެ 38 ސްޓާފުންނާ އިއްޔެ ވަނީ ސުވާލުކޮށްފަ އެވެ.

ސައުދީގެ ޗީފް ޕްރޮސެކިއުޓަރު ވެސް އަންނަ އާދިއްތަ ދުވަހު ތުރުކީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.