ކުޑަ ކުދިން ވިއްކާ ގޭންގެއް ޕާކިސްތާނުން އަތުލައިގެންފި

ޕިޝާވަރު (އޮގަސްޓް 13) - ވިހާ ތަނުން ތުއްތު ކުދިންގެ މައިންބަފައިންނަށް އޮޅުވާލައިގެން އެ ކުދިން ވިއްކާ ގޭންގެއް ޕާކިސްތާނުގެ ޕިޝާވަރުން ފުލުހުން އަތުލައިގެންފި އެވެ.


ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނޭ މި ގޭންގުން ކުރާ ކަމަކީ ހޮސްޕިޓަލުގައި ވިހާފައި މަރުވެފައި ތިބޭ ކުދިންނާ އަލަށް ވިހާ ކުދިން ބަދަލު ކުރުމެވެ. އެ އަށް ފަހު އަލަށް ވިހާ ކުއްޖާގެ މައިންބަފައިން ގާތު ބުނަނީ ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ. ދެން އެ މީހުން ހަދާ ގޮތަކީ ދިރިއޮތް ކުއްޖާ ވިއްކާލަނީ އެވެ. ކުދިން ނެތް ދެމަފިރިންނަށް މި ކުދިން ވިއްކަނީ 70،000- 300،000 ރުޕީސް (500-2،200 ޑޮލަރު) އާ ދެމެދުގެ އަގު ތަކަށެވެ.

ޕާކިސްތާނުގައި ދާދި ފަހުން ވަނީ ކުޑަ ކުދިން ވަގަށް ނެގުމުގެ ބޮޑެތި ޖަރީމާތައް ހިންގައިފަ އެވެ. ފުލުހުން ބުނީ ކުޑަ ކުދިން ވަގަށް ނެގުމުގެ ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

ސިއްހަތު ރަނގަޅު ކުދިން ވިހާ މައިންގެ ގާތުގެ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ކުއްޖާ މަރުވެއްޖެ ކަމަށް ހޮސްޕިޓަލުން ބުނެފަ އެވެ. ކުދިން ވަގަށް ނެގުމުގެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ދެ ފިިރިހެނުން ހިމެނެ އެވެ. މީގެ ތެރޭގައި ނަރުހަކާއި ދެ ހެލްތު ވޯކަރުން ހިމެނެ އެވެ. އަދި ކުދިން ވިއްކުމުގެ މާކެޓު ހޯދުމުގައި އުޅުނު އެޖެންޓަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކުއްޖަކު ގޭންގު މީހުންގެ އަތުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ ގޭންގުން ނުވަ ކުދިން ވިއްކާފައިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.