އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އަޅަނީ

ތެހެރާން (ނޮވެމްބަރު 3) - ދެހާސް ފަނަރަ ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނަށް ދިން ހުރިހާ ލުޔެއް އުވާލުމަށް ފަހު އެ ގައުމާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.


ވައިޓް ހައުސް އިން ބުނެފައި ވަނީ އީރާނާ ދެކޮޅަށް އަޅަނީ އެންމެ ވަރުގަދަ ފިޔަވަޅުތައް ކަމަށާއި އެ ފިޔަވަޅުތަކުގެ ދަށުން އީރާނުގެ އިތުރުން އެ ގައުމާ އެކު ވިޔަފާރި ކުރާ ގައުމުތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އީރާނުގެ ތެޔޮ އިމްޕޯޓް ކުރުމަށް އަށް ގައުމަކަށް ވަނީ ލުއިތަކެއް ދީފަ އެވެ.

އީޔޫގެ ގައުމުތަކުން ބުނެފައި ވަނީ އީރާނާ އެކު ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ވިޔަފާރި ކުރާ އީޔޫގެ ކުންފުނިތައް ހިމާޔަތް ކުރާނެ ކަމަށެވެ.

ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ މެއި މަހު އެވެ. ނިއުކްލިއާ އެއްބަސްވުމުގެ ބައިވެރިންނަކީ އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތް، ފްރާންސް، ޖަރުމަން، ރަޝިޔާ އަދި ޗައިނާ އެވެ.

އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ތަންފީޒް ކުރާނީ ނޮވެމްބަރު 5 ވަނަ ދުވަހު އެވެ. ފިޔަވަޅުތައް އީރާނުގެ ޝިޕިން އާއި ޝިޕްބިލްޑިން، ފައިނޭންސް އަދި އެނާޖީ ދާއިރާ ކަވަރުކުރާނެ އެވެ. ދަތިކުރުމުގެ ލިސްޓުގައި 700 އަށް ވުރެ ގިނަ ފަރުދުންނާއި ކުންފުނި، ކަނޑު ބޯޓު ފަހަރާއި މަތިންދާ ބޯޓް ހިމެނެ އެވެ. އޭގެ ތެރޭގައި ބޮޑެތި ބޭންކްތަކާއި ތެޔޮ އެކްސްޕޯޓް ކުރާ ކުންފުނިތަކާއި ޝިޕިން ކުންފުނިތައް ވެސް ހިމެނެ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ