ބްރެޒިލްގެ އެމްބަސީ ގުދުސް އަށް ބަދަލުކުރާނެ ކަމަށް އާ ރައީސް ވިދާޅުވެއްޖެ

ރިއޯ ޑި ޖެނީރޯ (ނޮވެމްބަރު 3) - ތެލް އަވީވުގައި މިހާރު ހުރި ބްރެޒިލްގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ބްރެޒިލްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ޖައިރް ބޮލްސޮނަރޯ ވިދާޅުވެއްޖެ އެވެ.


"ކެމްޕޭނުގައި ވައުދުވެފައިވާ ގޮތަށް ގުދުސް އަށް ބްރެޒިލްގެ އެމްބަސީ ބަދަލު ކުރާނަން. އިޒްރޭލަކީ މިނިވަން ގައުމެއް،" ކަނާތުފިޔައިގެ ރައީސް ވިދާޅުވި އެވެ.

ބޮލްސޮނަރޯ ވިދާޅުވީ ވެރިރަށަކީ ކޮން ރަށެއްކަން ކަނޑައެޅުމުގެ ހައްގު އިޒްރޭލަށް އޮންނަން ވާނެ ކަމަށެވެ. އަދި އެ ގޮތަށް ބްރެޒިލުން ވެސް 1960 ވަނަ އަހަރު ވަނީ ވެރިރަށް ރިއޯ ޑި ޖެނީރޯ އިން ބްރެސީލިއާ އަށް ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިރުމަތީ ގުދުސް އިޒްރޭލުން ހިފީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރީ މެއި 14 ގަ އެވެ. އޭގެ ފަހުން ގުއަޓަމާލާ އާއި ޕެެރަގުއޭ އިން ވެސް ވަނީ ގުދުސް އަށް އެމްބަސީ ބަދަލުކޮށްފަ އެވެ. ނަމަވެސް ޕެރަގުއޭ އިން ދާދި ފަހުން ވަނީ އެމްބަސީ އަލުން ތެލް އަވީވަށް ބަދަލުކޮށްފަ އެވެ.