މިއަންމާގެ ބައި-އިލެކްޝަންގައި ސޫކީގެ ޕާޓީ އަށް ނާކާމިޔާބު

ނޭޕީޑޯ (ނޮވެމްބަރު 4) - މިއަންމާގައި އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ސްޓޭޓް ކައުންސެލާ އަން ސަން ސޫކީގެ ޕާޓީ އަށް ހަ ދާއިރާއަކުން ނާކާމިޔާބު ލިބިފައިވާ ކަމަށް ނަތީޖާތަކުން ދައްކައިފި އެވެ.


ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) 2015 ވަނަ އަހަރު ވެރިކަމަށް އައީ ބޮޑު ތާއީދަކާ އެކު އެވެ. ނަމަވެސް އިއްޔެ ބޭއްވި 13 ދާއިރާގެ އިންތިޚާބުގެ ތެރޭން ސޫކީގެ ޕާޓީ އަށް ކާމިޔާބު ކުރެވުނީ ހަތް ދާއިރާ އެވެ. ގެއްލުނު ހަ ދާއިރާގެ ތެރޭން ހަތަރު ދާއިރާ ކުރިން ކޮންޓްރޯލް ކުރީ އެންއެލްޑީންނެވެ.

މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ މެދު ބައިނަލްއަގުވާމީ ގޮތުން ސޫކީ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ސިޔާސީ ތަޖްރިބާކާރުން ބުނެފައި ވަނީ ބައި-އިލެކްޝަންގައި ސޫކީގެ ޕާޓީ އަށް ނާކާމިޔާބުވި އެއް ސަބަބކީ މައިނޮރިޓީ ޖަމާއަތްތަކާ މެދު ސަރުކާރުން އަަމަލު ކުރަމުންދާ ގޮތުން ކަމަށެވެ.

ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާގެ އިތުރުން ރޮއިޓާސްގެ ދެ ނޫސްވެރިން ޖަލަށްލުމުން ވެސް ސޫކީގެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ.