28 އަހަރު ޖަލުގައި ހޭދަކުރި ފަހުން އެމެރިކާ މީހަކު ދޫކޮށްލަން އަންގައިފި

ކެރޮލީނާ (އޮގަސްޓް 14) - އެމެރިކާގެ ނޯތު ކެރޮލީނާގެ މީހަކު 28 އަހަރު ޖަލުގައި ހޭދަކުރި ފަހުން، އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުން ނޫން ކަމަށް ފަނޑިޔާރަކު ނިންމުމާ ގުޅިގެން އޭނާ ދޫކޮށްލައިފި އެވެ.


އުމުރުން މިހާރު 43 އަހަރުގެ ޖޯނީ ސްމޯލް ޖަލަށްލީ 1988 ވަނަ އަހަރު މީހަކު މެރި ކަމުގެ ކުށުގަ އެވެ. ނަމަވެސް އޭނާގެ ޝަރީއަތް އަލުން ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ އޮފިޝަލުން އަދި ނުނިންމަ އެވެ. ސްމޯލް ޖަލަށްލީ އޭނާގެ އުމުރުން 16 ގަ އެވެ.

ފަނޑިޔާރު ޑަގްލަސް ޕާސަން ނިންމާފައި ވަނީ ސްމޯލް ކުށްވެރި ކުރުމުގައި އެކަށީގެންވާ ހެއްކެއްގެ މައްޗަށް ބިނާކޮށްފައި ނުވާ ކަމަށެވެ. އަދި ފަނޑިޔާރު ވަނީ 1989 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޝަރީއަތުގައި ހެކިން ދޮގު ހަދާފައިވާ ކަމަށާއި ފުލުހުން ހެކި ހިފަހައްޓާފައިވާ ކަމަށް ވެސް ނިންމައިފަ އެވެ. ސްމޯލުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ރަނގަޅަށް ނޫން ކަމަށް ފަނޑިޔާރު ނިންމީ ސްމޯލާ ދެކޮޅަށް ދޮގު ހެކި ދީފައިވާ ކަމަށް އޭނާގެ ރައްޓެއްސަކު ބުނުމާ ގުޅިގެންނެވެ. ޑޭވިޑް ބޮލިންގާ ބުނީ ސްމޯލްއާ ދެކޮޅަށް އޭނާ ދޮގު ހެކި ދިނީ އިންވެސްޓިގޭޓަރުންނާއި އާއިލާގެ މީހުން މަޖްބޫރުކޮށްގެން ކަމަށެވެ. އެހެން ހެކިވެރިއެއްގެ ހެކި ބަސް ވެސް ދިމާ ނުވާ ކަމަށް ފަނޑިޔާރު ވަނީ ނިންމައިފަ އެވެ.

ގާތްގަނޑަކަށް 30 އަހަރަށް ފަހުން ޖަލުން ނުކުމެ ހޭދަކުރި ފުރަތަމަ ރޭ ސްމޯލް ނިދާފައި ވަނީ އޭނާގެ ދެބެންގެ ދެދަރި މީހެއްގެ ގޭގެ ސޯފާގަ އެވެ. އެތައް އަހަރެއް ވަންދެން ޖަލުގެ ގޮޅީފައި ނިދާފައިވާ ސްމޯލް ބުނީ ކޮޓަރިއެއްގައި ނިދުމަށް ވުރެ ބޮޑަށް އޭނާ އަށް ރަނގަޅީ ސިޓިން ރޫމުގައި ނިދާލުން ކަމަށެވެ.

"އަހަރެން ފުރަތަމަ ޖަލަށްލީ ކުޑަ ކުއްޖެއްގެ ގޮތުގައި. އަހަރެން އަދިވެސް ހުންނަނީ ކުޑަ ކުއްޖެއްގެ ޚިޔާލު. ވަރަށް ގިނަ ކަންކަމަށް ހޭނެން އެބަޖެހޭ،" ސްމޯލް ބުންޏެވެ.

ސްމޯލް ގެ އަށް ދޫކޮށްލި ނަމަވެސް އޭނާ ވަނީ ޓެގް އަޅުވައިފަ އެވެ. އެއީ ސްމޯލުގެ ޝަރީއަތް އަލުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަންދެނެވެ.