ފްރާންސްގެ ރައީސް އަށް ހަމަލާ ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ޕެރިސް (ނޮވެމްބަރު 7) - ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަނާތު ފިޔައިގެ ހައްދުފަހަނަޅާފައިވާ ހަ މީހަކު ހައްޔަރުކޮށްފި އެވެ.


ހައްޔަރުކޮށްފައި ވަނީ ފަސް ފިރިހެނުންނާއި އަންހެނެކެވެ. އުމުރުން 22-62 އަހަރުގެ ހަ މީހުން ހައްޔަރުކޮށްފައި ވަނީ ފްރާންސްގެ ޑޮމެސްޓިކް އިންޓަލިޖެންސް ސާވިސް އިން ދިން މައުލޫމާތުގެ އަލީގަ އެވެ.

ފްރާންސްގެ ދާޚިލީ ވަޒީރު ކްރިސްޓޮފާ ކަސްޓަނާ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ހައްދުފަހަޅާފައިވާ ފަރާތްތަކުން އަންނަ އިންޒާރުތަކަށް ފްރާންސް އިން ސަމާލުވާނެ ކަމަށެވެ.

ފްރާންސްގެ ރައީސް އަށް ހަމަލާ ދޭން މީގެ ކުރިން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. މެކްރޮން އަވަހަރާކޮށްލަން ރޭވި ކަމުގެ ކުށުގައި މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ 23 އަހަރުގެ މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. ތަހުގީގުގައި އޭނާ ބުނެފައި ވަނީ އޭނާ ބޭނުންވީ މެކްރޮންއާ އެކު މުސްލިމުންނާއި ޔަހޫދީން އަދި ކަޅު މީހުންނާއި އެއްޖިއްސުން ގުޅުން ހިންގާ މީހުން މަރަން ކަމަށެވެ. އޭނާގެ ކާރުން ވަނީ ތިން ވަޅި ފެނިފަ އެވެ.

ފްރާންސްގެ ރައީސް ކަމަށް މެކްރޮން މިދިޔަ އަހަރު ވަޑައިގެންނެވި ފަހުން ކަނާތު ފިޔައިގެ ހައްދުފަހަނަޅާފައިވާ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.