އީރާނާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅަށް ތުރުކީ ބޯނުލަނބާނެ: އުރުދުޣާން

އަންކަރާ (ނޮވެމްބަރު 7) - އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތުރުކީން ބޯނުލަނބާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.


"އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅީ ގޯހުން. އެއް ގައުމުން އަނެއް ގައުމަށް އަތްގަދަ ކުރާ ސިޔާސަތެއް ތުރުކީން ގަބޫލެއް ނުކުރާނަން. އެހެންވެ އެމެރިކާ އިން އެޅި ފިޔަވަޅުތަކަށް ތުރުކީން ބޯނުލަނބާނެ،" ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ހޯމަ ދުވަހު އެވެ. ނަމަވެސް އީރާނާ އެކު ވިޔަފާރި ކުރަން ލުއި ދިން އަށް ގައުމުގެ ތެރޭގައި ތުރުކީ ހިމެނެ އެވެ.

ތުރުކީގެ ދުވަހު ނޫހެއް ކަމަށްވާ ސަބާ އިން ބުނެފައި ވަނީ ތުރުކީން އަހަރަކު 10 ބިލިއަން ކިއުބިކް މީޓަރުގެ ގުދުރަތީ ގޭސް އީރާނުން އެތެރެ ކުރާ ކަމަށެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލޫ ވިދާޅުވީ އެމެރިކާ އިން ވަކި ގައުމެއް އެކަހެރި ކުރުމަކީ ނުރައްކާ ކަމެއް ކަމަށެވެ.

އީރާނުން ބުނެފައި ވަނީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެކަމުން ސަލާމަތްވެވޭހާ ގާބިލްކަން އެ ގައުމަށް ލިބިގެންވާ ކަމަށެވެ.