ޓްރަމްޕްއާ ޚިޔާލުތަފާތުވި އެޓާނީ ޖެނެރަލް މަގާމުން ދުރުކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 8) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ޚިޔާލު ތަފާތުވި އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އެންމެ ފަހުން މަގާމުން ދުރުކޮށްފި އެވެ.


"އެޓާނީ ޖެނެރަލް ޖެފް ސެޝަންސްގެ ޚިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އޭނާ އަށް ހެވަށް އެދެން،" ޓްރަމްޕް ޓްވީޓް ކުރެއްވި އެވެ.

ޓްރަމްޕް ކުރިން ވަނީ ފާޅުގައި އެޓާނީ ޖެނެރަލް އަށް ފާޑުވިދާޅުވެފަ އެވެ.

އިސްތިއުފާގެ ސިޓީގައި އަލަބާމާގެ ކުރީގެ ސެނެޓަރު ވިދާޅުވެފައި ވަނީ މަގާމު ދޫކޮށްލަނީ އަމިއްލަ އަށް ބޭނުންވެގެން ނޫން ކަމަށެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލްކަމުގެ ހުވާ ސެޝަންސް ފެބްރުއަރީ 9، 2017 ގައި ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

"ރައީސް، އަޅުގަނޑު އިސްތިއުފާ މިދެނީ މަނިކުފާން އެދިވަޑައިގަތުމުން،" ސެޝަންސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. "އެޓާނީ ޖެނެރަލްގެ މަގާމުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގައި ވާނީ ގާނޫނު ނެގެހެއްޓުމުގެ ޒިންމާ އަދާކޮށްފައި."

ސިޔާސީ ޕްރެޝަރަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް ބޯނުލަނބާނެ ކަމަށް ސެޝަންސް ވަނީ އޮގަސްޓް މަހު ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވީ ޖަސްޓިސް ޑިޕާޓްމަންޓް އޮތީ އެޓާނީ ޖެނެރަލް ސެޝަންސްގެ ކޮންޓްރޯލްގެ ދަށުގައި ނޫން ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި މައްސަލަ ތަހުގީގު ކުރަން ފެށުމާ އެކު ޖެފް ސެޝަންސް އާއި ޓްރަމްޕުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އެކަމަކު ސެޝަންސް އަކީ ކުރިން ޓްރަމްޕުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅަކަށް ވުމާ އެކު، މަސްލަހަތު ފުށުއަރައިފާނެތީ، އެ ތަހުގީގުން އޭނާ ވަނީ އެއް ފަރާތްވެ، އެ މައްސަލަތައް ބެލުން ސެޝަންސްގެ ނައިބާ ހަވާލުކޮށްފަ އެވެ.