ކޮރަޕްޝަނުގެ ކުށުގައި އިމެލްޑާ މާކޯސް ދިގު މުއްދަތަކަށް ޖަލަށް

މެނީލާ (ނޮވެމްބަރު 9) - ކޮރަޕްޝަނުގެ ކުށުގައި ފިލިޕީންސްގެ ކުރީގެ ފަސްޓް ލޭޑީ އިމެލްޑާ މާކޯސް ދިގު މުއްދަތަކަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.


ނަމަވެސް އުމުރުން 89 އަހަރުގެ މާކޯސް އަށް ޖަލުގައި މާގިނަ ދުވަހު ހޭދަކުރަން ޖެހޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އިސްތިއުނާފުގެ މުއްދަތުގައި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައި ބެހެއްޓުން ހުއްދަ ކޮށްފައިވާތީ އެވެ.

ފިލިޕީންސްގެ އެންޓި-ކޮރަޕްޝަން ކޯޓަކުން މިއަދު ހުކުމްކޮށްފައި ވަނީ މާކޯސްގެ މައްޗަށް އުފުލާފައިވާ ހަތް މައްސަލައިގެ ތެރޭން ކޮންމެ މައްސަލައެއްގައި މަދުވެގެން ހަ އަހަރަށް ޖަލަށް ލުމަށެވެ.

އިމެލްޑާ މާކޯސްގެ ފިރިކަލުން ފާޑިނަންޑް މާކޯސްގެ ވެރިކަމުގައި ވަނީ 10 ބިލިއަން ޑޮލަރަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށްފަ އެވެ. ރައްޔިތުން ނުކުމެ ފާޑިނަންޑުގެ 20 އަހަރުގެ ވެރިކަން 1986 ވަނަ އަހަރު ނިމުމަކަށް ގެނައުމުން އޭނާ ދިރިއުޅުއްވީ ހަވާއީގަ އެވެ. ގައުމުން ބޭރުގައި އުޅުއްވަނިކޮށް ފާޑިނަންޑް އަވަހާރަވީ 1989 ވަނަ އަހަރު އެވެ. ނަމަވެސް އާއިލާ ފަހުން ވަނީ ފިލިޕީންސަށް ގޮސް ސިޔާސީ މަގާމުތައް ފުރަން ފަށައިފަ އެވެ. އިމެލްޑާ އަކީ ވެސް ކޮންގްރެސްގެ މެންބަރެކެވެ.