ރާއްޖެ ވަޑައިގަތުމުގެ ކުރިން މޯދީ ސިންގަޕޫރަށް

ނިއު ދިއްލީ (ނޮވެމްބަރު 10) - ރާއްޖޭގެ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި މަހު 17 ވަނަ ދުވަހު ރާއްޖެ އަށް ވަޑައިގަތުމުގެ ކުރިން ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.


މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މި މަހު 14 ވަނަ ދުވަހު މޯދީ ސިންގަޕޫރަށް ވަޑައިގަންނަވަނީ އީސްޓް އޭޝިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ސިންގަޕޫރު ދަތުރުފުޅުގައި ވަރަށް ގިނަ އިވެންޓްތަކުގައި މޯދީ ބައިވެރިވެވަޑައިގަތުމަށް ފަހު ސަމިޓުގައި ތަގްރީރު ކުރައްވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ދަތުރު ނިންމަވާލެއްވުމަށް ފަހު އިންޑިއާ އަށް ވަޑައިގަންނަވާނީ މި މަހު 15 ވަނަ ދުވަހު އެވެ.

މި މަހު 17 ވަނަ ދުވަހު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅަށް ފަހު ހަމަ އެ ދުވަހު މޯދީ އެނބުރި ގައުމަށް ވަޑައިގަންނަވާނެ އެވެ.

ސިންގަޕޫރު ސަމިޓުގައި އާސިއާންގެ 10 ގައުމުގެ އިތުރުން އިންޑިއާ، ޗައިނާ، ޖަޕާން، ރިޕަބްލިކް އޮފް ކޮރެއާ، އޮސްޓްރޭލިއާ، ނިއު ޒީލެންޑް، އެމެރިކާ އަދި ރަޝިޔާ އިން ބައިވެރިވާނެ އެވެ.