ޕާލަމެންޓް އުވާލި މައްސަލާގައި ރަނިލްގެ ޕާޓީން ކޯޓަށް ދަނީ

ކޮލަމްބޯ (ނޮވެމްބަރު 11) - ސްރީ ލަންކާގެ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ އުވާލި މައްސަލާގައި ސުޕްރީމް ކޯޓަށް ދާނެ ކަމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުނެފި އެވެ.


ހުކުރު ދުވަހުގެ ރޭ ޕާލަމެންޓް އުވާލުމަށް ފަހު ސިރިސޭނާ ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު 5 ވަނަ ދުވަހު އާ އިންތިޚާބެއް ބާއްވާނެކަން އިއުލާން ކުރައްވައިފަ އެވެ. ޝެޑިއުލަށް ވުރެ ދެ އަހަރު ކުރިން އިންތިޚާބު ބާއްވަން ނިންމީ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ނުހޯދުމުން ކަމަށް ރައީސް ސިރިސޭނާގެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ރަނިލްގެ ކެބިނެޓުގައި ހިމެނޭ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވީ ޕާލަމެންޓް އުވާލި މައްސަލަ، މި ހަފުތާ ބަންދަށް ފަހު ހުޅުވުމުން ގައުމުގެ އެންމެ މަތީ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ސަމަރަވީރާ ވިދާޅުވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ސިރިސޭނާ ވެރިކަމަށް ގެނައީ ދެކުނު އެފްރިކާގެ މަންޑޭލާ ފަދަ ބޭފުޅަކަށް ވާނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. އެކަމަކު ނިމިގެން ދިޔައީ މުގާބެ (ޒިމްބާބުގެ ކުރީގެ ޚުދުމުޚްތާރު ވެރިޔާ)ގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ޕާލަމެންޓް އުވާލުމުގެ ކުރިން ސިރިސޭނާ ވަނީ ގައުމުގެ މުހިންމު މުވައްސަސާތަކުގެ ކޮންޓްރޯލް ނަންގަވައިފަ އެވެ. އޭގެ ތެރޭގައި ޕޮލިސް ޑިޕާޓްމަންޓާއި ސްޓޭޓް ޕްރިންޓަރީ އަދި ސަރުކާރުގެ މީޑިއާ ހިމެނެ އެވެ.

އާ މަޖިލިސް އެކުލަވާލައި ފުރަތަމަ ބައްދަލުވުން ޖެނުއަރީ 17 ވަނަ ދުވަހު ބާއްވަންދެން ވަގުތީ ގޮތުން ބޮޑު ވަޒީރުކަމުގައި ހުންނަވާނީ ރާޖަޕަކްސާ އެވެ.