ޓްރަމްޕާ ދެކޮޅަށް ސީއެންއެން އިން ދައުވާކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 14) - ސީއެންއެންގެ ރިޕޯޓަރެއްގެ މީޑިއާ ފާސް ވައިޓް ހައުސް އިން ސަސްޕެންޑް ކުރުމާ ގުޅިިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރާ ދެކޮޅަށް ސީއެންއެން އިން ދައުވާ ކޮށްފި އެވެ.


ސީއެންއެން އިން ބުނީ އެ ނެޓްވޯކުގެ ރިޕޯޓަރު ޖިމް އެކޮސްޓާ ސަސްޕެންޑް ކުރުމަކީ ގާނޫނު އަސާސީގެ ފަސްޓް އެމެންޑްމެންޓުގެ ދަށުން ލިބިދޭ ސަރުކާރުގެ ކަންކަން މިނިވަންކަމާ އެކު ރިޕޯޓް ކުރުމަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.

ވައިޓް ހައުސް އިން ބުނީ ޓްރަމްޕް ސަރުކާރާ ދެކޮޅަށް ސީއެންއެން އިން މައްސަލަ ޖެއްސީ ސަމާލުކަން ހޯދަން ކަމަށާއި އެ މައްސަލަ ކޯޓުގައި ދިފާއު ކުރާނެ ކަމަށެވެ.

ސީއެންއެން އިން ބުނީ މި މައްސަލައިގައި އިންސާފު ނުލިބިއްޖެ ނަމަ އިންތިޚާބީ އޮފިޝަލުން ކަވަރު ކުރާ ނޫސްވެރިން ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮސްޓާ ކުރި ސުވާލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޓްރަމްޕް ވަނީ މައިކް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އޭނާ އަކީ ގޮތްކުޑަ، ނުރައްކާ މީހެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ތަކުރާރުކޮށް އެކޮސްޓާ ސުވާލު ކުރަން ފެށުމުން ޓްރަމްޕް ވަނީ "ފުދިއްޖެ" ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ވައިޓް ހައުސްގެ އަންހެން ސްޓާފަކު ވަނީ އެކޮސްޓާ އަތުން މައިކް އަތުލަން މަސައްކަތް ކޮށްފަ އެވެ. ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްތަކުން އެކޮސްޓާ ސަސްޕެންޑް ކުރީ އެ ހާދިސާ އަށް ފަހު އެވެ.