ނޫސްވެރިޔާ މަރާލަން އަމުރުކުރީ ކާކުކަން ސައުދީން ބުނެދީފި

ރިޔާޒް (ނޮވެމްބަރު 16) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން އެންގީ ކާކުކަން ސައުދީ ސަރުކާރުން ސާފުކޮށްދީފި އެވެ.


ރިޔާޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ޚާޝުގްޖީ މަރާލަން އަމުރުކުރީ އިންޓަލިޖެންސް އޮފިސަރެއް ކަމަށެވެ. އަދި އެއީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުމެއް ނެތް މަރެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސެކިއުޓަރު ޝަލާން ބިން ރަަޖީހް ޝަލާން ވިދާޅުވީ ޚާާޝުގްޖީ މަރާލަން އެންގީ ނޫސްވެރިޔާއާ މަޝްވަރާ ކުރަން ފޮނުވި ޓީމުގެ ވެރިއަކަށް ހުރި މީހާ ކަމަށެވެ. އެ ޓީމު އިސްތަންބޫލް އަށް ފޮނުވީ ޑެޕިއުޓީ އިންޓަލިޖެންސް ޗީފް، ޖެނެރަލް އަހުމަދު އަލް އާސިރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ވަލީ އަހުދަށް އެނގިވަޑައިގެންފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓަރު ޝަލާން ބިން ރަަޖީހް ޝަލާން ވިދާޅުވީ ޚާޝުގްޖީ މަރުވުމުން އޭނާގެ ހަށިގަނޑު ވަނީ ކޮންސިއުލޭޓް ތެރޭ ކޮށާލައިފައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ދެން ހަވާލުކުރީ ތުރުކީ މީހަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓަރުގެ އޮފީހުގެ ތަރުޖަމާން ވިދާޅުވީ އިންޓަލިޖެންސް އޮފިސަރަށް ހަވާލުކޮށްފައިވާ މަސައްކަތަކީ ނޫސްވެރިޔާއާ ވާހަކަ ދައްކައިގެން އޭނާ އަނބުރާ ސައުދީ އަށް ގެންދިއުން ކަމަށެވެ. ނަމަވެސް ޚާޝުގްޖީ އެކަމަށް އެއްބަސްނުވުމުން އޭނާ ގަޔަށް ވަނީ ވިހަ އިންޖެކްޝަނެއް ޖަހައިފައި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ އެ ފަސް މީހުން ވަނީ ނޫސްވެރިޔާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފައި ކަމަށެވެ. އެ 11 މީހުންގެ ތަހުގީގު ނިންމައި މައްސަލަ ކޯޓަށް ފޮނުވާފައިވާ އިރު އިތުރު 10 މީހެއްގެ ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުދީ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ޚާޝުގްޖީ މަރާލުމަށް ފަހު އޭނާގެ ހެދުމުގައި ބޭރަށް ނުކުމެގެން ދިޔަ މީހާ ވެސް ހޯދައިފައިވާ ކަމަށެވެ.