ރަަސްގެފާނުގެ ތަގްރީރުގައި ނޫސްވެރިޔާގެ މަރުގެ ވާހަކައެއް ނެތް

ރިޔާޒް (ނޮވެމްބަރު 20) - ސައުދީ އަރަބިއާގެ ޝަރުއީ ނިޒާމަށް ތައުރީފްކޮށް ރަސްގެފާން ސަލްމާން ޝޫރާ މަޖިލިސްގައި ދެއްވި ތަގްރީރުގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ވާހަކަ އަށް އިޝާރާތް ކުރައްވާފައި ނުވާތީ ބައެއް ފަރާތްތަކުން އެކަން ފާހަގަކޮށްފި އެވެ.


އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މިދިޔަ މަހު 2 ވަނަ ދުވަހު ޚާޝުގްޖީ މަރާލި ފަހުން ރަސްގެފާން ދެއްވި ފުރަތަމަ އާއްމު ތަގްރީރުގައި ވަނީ އިންސާފުގެ މަގުން ސައުދީ އަރަބިއާ އެއްކިބާ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ސައުދީ އަރަބިއާ ގާއިމްވެ އޮތީ އިސްލާމް ދީނުގެ މަތިވެރި އުސޫލްތަކާއި އަދުލް އިންސާފުގެ ހަމަހަމަކަން މަތީ. ސައުދީ އަރަބިއާގެ ޖުޑިޝަރީ އާއި ޕަބްލިކް ޕްރޮސެކިއުޝަންއާ މެދު ފަޚްރުވެރިވަން،" އުމުރުފުޅުން 82 އަހަރުގެ ރަސްގެފާން ވިދާޅުވި އެވެ.

ސަލްމާންގެ ތަގްރީރުގައި ވަނީ އީރާނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވަން ބައިނަލްއަގުވާމީ މުޖްތަމައުން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ރަސްގެފާން ވިދާޅުވީ އީރާނުގެ ފަރާތުން ކުރިމަތިކުރާ ބިރުތައް ވެސް ހުއްޓުވަން ޖެހޭ ކަމަށެވެ.

ތަގްރީރުގައި އަލިއަޅުވާލި އެހެން ކަންކަމުގެ ތެރޭގައި ތެލުގެ މާކެޓުގެ ހަމަޖެހުމާއި ޔަމަނުގެ ހަނގުރާމަ ހުއްޓާލުމަށް އދ. އިން ކުރާ މަސައްކަތްތަކަށް ސައުދީން ތާއީދުކުރާ ކަމަށް ވިދާޅުވުން ހިމެނެ އެވެ. އަދި ފަލަސްތީނުގެ މައްސަލައަކީ ސައުދީން އެންމެ އިސްކަން ދޭ ކަންތައް ކަމަށް ވިދާޅުވި އެވެ. ސީރިއާގެ މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯދުމަށް އެދޭ ކަމަށް ވެސް ސަލްމާން ވިދާޅުވި އެވެ.