ބިން ލާދިން އަކީ މާކުރިން އަތުލައިގަންނަން ޖެހޭ މީހެއް: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 20) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަކީ މާކުރިން އަތުލައިގަންނަން ޖެހޭ މީހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ ނޭވީ ސީލުން ބިން ލާދިން މަރާލީ މެއި 2011 ގަ އެވެ.

"ބިން ލާދިން އަކީ އެމެރިކާ ސިފައިން އޭނާ މަރާލުމުގެ މާކުރިން އަތުލައިގަންނަން ޖެހޭ މީހެއް،" ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގެ ބައިތައް ޓްވީޓް ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ބިން ލާދިން ހިފާ ހައްޔަރު ނުކުރުމުގެ ޒިންމާ ޓްރަމްޕް އަޅުވާފައި ވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޓްރަމްޕް ވިދާޅުވީ ޕާކިސްތާނަށް ބިލިއަން ޑޮލަރު ދިން އިރު ވެސް ބިން ލާދިން ހުރީ އެ ގައުމުގައި ކަމަށް ނުބުނާ ކަމަށެވެ.

ސެޕްޓެމްބަރު 11، 2001 ގެ ގެ ހަމަލާ އަށް 10 އަހަރުވީ އިރު ބިން ލާދިން އުޅެމުން ދިޔައީ ޕާކިސްތާނުގެ އަބޮޓްއާބާދުގަ އެވެ. އޭނާ މަރާލީ ވެސް އެ ޓަނުގަ އެވެ.

ބިން ލާދިން މަރާލި ހާދިސާ އަށް ފަހު ޕާކިސްތާނާއި އެމެރިކާގެ ގުޅުން ހީނަރުވެގެން ދިޔަ އެވެ.

ޓްރަމްޕް ވަނީ އެހީގެ ގޮތުގައި ޕާކިސްތާނަށް ދޭ އެތައް މިލިއަން ޑޮލަރެއް މި އަހަރު ކުރީކޮޅު ކަނޑާލައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ޕާކިސްތާނުން މިލިއަނުން އެހީވަމުންދާ އިރު ރައްދުގައި އެމެރިކާ އަށް އެއްވެސް އެއްޗެއް ނުލިބޭ ކަމަށެވެ.