ގުއަންޓަނާމޯ ބޭ ޖަލުގެ ގިނަ އަދަދެއްގެ ގައިދީން ޔޫއޭއީ އަށް ބަދަލުކޮށްފި

ވޮޝިންޓަން (އޮގަސްޓް 16) - ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ގައިދީންގެ ތެރޭން 15 މީހަކު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ބަދަލުކޮށްފި އެވެ.


މިއީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި މިހާ ގިނަ އަދަދެއްގެ ގައިދީން އެއް ފަހަރާ ގުއަންޓަނާމޯ ބޭ ޖަލުން އެހެން ގައުމަކަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

ޕެންޓަގަނުން ބުނީ ޔޫއޭއީ އަށް ބަދަލުކުރި ގައިދީންގެ ތެރޭގައި ޔަމަނުގެ 12 މީހުންނާއި އަފްޣާނިސްތާނުގެ ތިން މީހުން ހިމެނޭ ކަމަށެވެ. އަދި ކިއުބާގައި ހުންނަ ޖަލުގައި މިހާރު ބާކީ ތިބީ 61 މީހުން ކަމަށް ވެސް ޕެންޓަގަނުން ބުނެފައިވެ އެވެ. ގުއަންޓަނާމޯ ބޭ ޖަލުގައި ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު ގައިދީންގެ ގިނަ މީހުން ބައިތިއްބާފައި ތިބީ އެއްވެސް ދައުވާ އަކާ ނުލަ އެވެ.

ރައީސް އޮބާމާ ވަނީ އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ގުއަންޓަނާމޯ ބޭ ޖަލު ބަންދު ކުރުމަށް ވައުދުވެޑައިގެންފަ އެވެ. ވައިޓްހައުސް އިން ބޭނުން ވަނީ ގުއަންޓަނާމޯ ބޭ ޖަލުގައި މިހާރު ތިބި ގައިދީންތައް އެމެރިކާ އަށް ބަދަލު ކުރުމަށެވެ. އެކަމަކު ކޮންގްރެސް އިން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެއީ ސަލާމަތީ ގޮތުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށް ބުނެ އެވެ.

ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނީ ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރުމަށް އެމެރިކާ އިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެއްބާރުލުންދީ ޔޫއޭއީ އިން އިންސާނިއްޔަތުކަން ކުރިއަށް ނެރުނީތޯ ޝުކުރު އަދާކުރާ ކަމަށެވެ.

މިދިޔަ އެޕްރީލް މަހު ވަނީ ޔަމަނުގެ ނުވަ ގައިދީން ސައުދީ އަރަބިއާ އަށް ބަދަލުކޮށްފަ އެވެ.

ކިއުބާގެ އިރު ދެކުނުގައި ގާއިމްކޮށްފައިވާ ގުއަންޓަނާމޯ ބޭ ޖަލު ހުޅުވީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބިދޭސީ ޓެރަރިސްޓުން ބަންދު ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް އެވެ. އެއް ދުވަސްވަރެއްގައި މި ޖަލުގައި 700 ގައިދީން ވެސް ތިއްބެވެ. ގުއަންޓަނާމޯ ބޭ ޖަލު ހިންގަން އެމެރިކާ އިން އަހަރަކު 445 މިލިއަން ޑޮލަރު ޚަރަދު ކުރެ އެވެ.

ވައިޓްހައުސް އިން ފެބްރުއަރީ މަހު ވަނީ ޖަލު ބަންދުކުރުމުގެ ޕްލޭނެއް ކޮންގްރެސް އަށް ހުށަހަޅައިފަ އެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ