ރާޖަޕަކްސާ އަށް ތާއީދު ނުކުރާނެ ކަމަށް ލަންކާގެ މުސްލިމް ޕާޓީން ބުނެފި

ކޮލަމްބޯ (ނޮވެމްބަރު 25) - ލަންކާގެ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް ތާއީދު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ސްރީ ލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) އިން ބުނެފި އެވެ.


ޕާޓީގެ ލީޑަރު ރައޫފް ހަކީމް ވިދާޅުވީ ރާޖަޕަކްސާގެ ވެރިކަމުގައި ޑިގާނާގައި ހިންގި ހަމަނުޖެހުންތަކުގެ މަތިން ހަނދާން ނުނެތޭނެ ކަމަށެވެ. ލަންކާގެ މައިނޮރިޓީ ޖަމާއަތްތައް ރާޖަޕަކްސާ ދެކެ ބިރު ގަންނަ ކަމަށް ވިދާޅުވި އެވެ.

"ރާޖަޕަކްސާގެ ވެރިކަން އަލުން ގެންނަން ތާއިދު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ ކޮރަޕްޝަނާއި އަނިޔާވެރިކަން ބޮޑު ސަރުކާރެއް. ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަންނަވަންޏާ މާޒީގެ މަތިން ހަނދާންވާނެ. ޑިގާނާގެ ހަމަނުޖެހުމުގެ ފަހަތުގައި ހުރީ ކާކުކަން އެންމެންނަށް ވެސް އެނގޭ،" ރައޫފް ހަކީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިގާނާގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ މަހު 26 ވަނަ ދުވަހު ވަނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވަކިކޮށް އެ މަގާމަށް ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ. ނަމަވެސް ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ބަލަން ދެ ފަހަރަށް ވޯޓު ނެގުމުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.