ނޫސްވެރިޔާގެ މަރާ ގުޅިގެން ތުރުކީ ފުލުހުން ގެއެއް ބަލައި ފާސްކޮށްފި

އިސްތަންބޫލް (ނޮވެމްބަރު 26) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެން ތުރުކީގެ ސިޓީއެއް ކަމަށްވާ ޔަލޮވާގެ ގެއެއް އެ ގައުމުގެ ފުލުހުން ބަލައި ފާސްކޮށްފި އެވެ.


އިސްތަންބޫލްގެ އިރު ދެކުން އޮންނަ ސިޓީގައި ހުރި ގޭގެ އިތުރުން ވަށައިގެން ހުރި އިމާރާތްތައް ވެސް ފުލުހުން ބަލާ ފާސްކުރި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ނޫސްވެރިޔާގެ މަރާ ގުޅިގެން ތުރުކީ ފުލުހުން ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓައި ކޮންސުލް ޖެނެރަލްގެ ގެ ވެސް ކުރިން ބަލައި ފާސްކޮށްފަ އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ މަރާލީ މިދިޔަ މަހު 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓްގަ އެވެ. އެކަމާ ބެހޭ މައުލޫމާތު ލިބިފައި ނުވާ ކަމަށް ސައުދީން ކުރިން ބުނި ނަމަވެސް ފަހުން ވަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަން ކުރިކަމަށް ބެލެވޭ 18 މީހުން ހައްޔަރުކޮށް އޭގެ ތެރޭން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނޫސްވެރިޔާގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެ އެވެ.