އުރުދުޣާންްއާ ބައްދަލު ކުރުމަށް ވަލީ އަހުދު އެދިވަޑައިގެންފި

އިސްތަންބޫލް (ނޮވެމްބަރު 27) - އާޖެންޓީނާގައި ފަށާ ޖީ20ގެ ބައްދަލުވުމުގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލު ކުރެއްވުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެދިވަޑައިެގންފައިވާ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ކަވަސޮގްލޫ ވިދާޅުވެއްޖެ އެވެ.


ޖަރުމަނުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކަވަސޮގްލޫ ވިދާޅުވީ ވަލީ އަހުދު އެދިވަޑައިގެންނެވި ގޮތަށް ބައްދަލު ނުކުރަންވީ ސަބަބެއް މިހާރު ނެތް ކަމަށެވެ. މި މަހު 30-ޑިސެމްބަރު 1 އަށް ބިއުނަސް އޭރީޒްގައި ބާއްވާ ސަމިޓުގައި އުރުދުޣާން އާއި މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސައުދީ އާއި ތުރުކީގެ ގުޅުން ހީނަރުވެފައި ވަނީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި ހާދިސާ އަށް ފަހު އެވެ. ނޫސްވެރިޔާގެ މަރުގެ ތުހުމަތު ތުރުކީން އަޅުވަނީ ވަލީ އަހުދުގެ އިސްތަށިފުޅުގަ އެވެ. ނަމަވެސް ސައުދީން ގެންދަނީ އެކަން ދޮގު ކުރަމުންނެވެ.

އުރުުދުޣާން ވެސް ވިދާޅުވެފައި ވަނީ ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ މަރާލަން އަމުރު ކުރީ ސައުދީގެ އެންމެ މަތީ ލެވެލް އިން ކަމަށެވެ. ނަމަވެސް އެއީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްއާ ގުޅުމެއް ނެތް މަރެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.