ތުރުކީ ފުލުހުން ފާސްކުރީ ވަލީ އަހުދުގެ ރައްޓެއްސެއްގެ ގެއެއް

އިސްތަންބޫލް (ނޮވެމްބަރު 28) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެން ތުރުކީ ފުލުހުން ފާސްކޮށްފައި ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ގާތް އެކުވެރިއެއްގެ ގެއެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ކްރައިމް ސީން އިންވެސްޓިގޭޓަރުން ވަނީ ކުއްތާ އާއި ޑްރޯން ބޭނުންކޮށް، ތުރުކީގައި ދިރިއުޅޭ ސައުދީ ވިޔަފާރިވެރިޔާގެ ގެ ހޯމަ ދުވަހު 10 ގަޑިއިރު ވަންދެން ބަލައި ފާސްކޮށްފަ އެވެ. އިސްތަންބޫލްގެ އިރު ދެކުނުން އޮންނަ ޔަލޮބާ ސިޓީގައި ހުރި ގޭގެ ބަގީޗާގައިވާ ތިން ވަޅެއް ފުލުހުން ވަނީ ބަލައިފަ އެވެ. ފުލުހުން ހޯދަން މަސައްކަތް ކޮށްފައި ވަނީ ނޫސްވެރިޔާގެ ހަށިގަނޑެވެ.

ތުރުކީގެ ޔަލޮވާ ސިޓީގައިވާ ގެއެއް ފުލުހުން ބަލައި ފާސްކުރަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ނޫހެއް ކަމަށްވާ ހުއްރިއްޔާ އިން ބުނެފައި ވަނީ ސައުދީ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަހުމަދު އަލް ފައުޒާން ނަމަކަށް ކިޔާ މީހަކު ވަނީ ޔަލޮވާ އިން ބިމެއް ގަތުމަށް ފަހު އެ ތަނުގައި ގެއެއް ބިނާކޮށްފަ އެވެ. އެ ނޫހުން ބުނެފައި ވަނީ ފައުޒާން އަކީ ވަލީ އަހުދުގެ ގާތް މީހެއް ކަމަށެވެ. ގޭގެ ތެރޭގައި ސައުދީ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދުގެ ބޮޑެތި ފޮޓޯތައް ބަހައްޓާފައި ހުރި މަންޒަރުގެ ވީޑިއޯތައް އެ ނޫހުގެ ވެބްސައިޓަށް ވަނީ ލައިފަ އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ މަރާލީ މިދިޔަ މަހު 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓްގަ އެވެ. އެކަމާ ބެހޭ މައުލޫމާތު ލިބިފައި ނުވާ ކަމަށް ސައުދީން ކުރިން ބުނި ނަމަވެސް ފަހުން ވަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަން ކުރިކަމަށް ބެލެވޭ 18 މީހުން ހައްޔަރުކޮށް އޭގެ ތެރޭން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.