ލޯނުތަކުން ލަންކާ އަށް ގެއްލުމެއް ނުލިބޭނެ: ޗައިނާ

ބެއިޖިން (ނޮވެމްބަރު 28) - ޗައިނާ އިން ސްރީ ލަންކާ އަށް ދޭ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ނޫން ކަމަށާއި ޗައިނާ އަކީ ލަންކާ އަށް ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގެނެސްދޭ ގައުމެއް ކަމަށް ޗައިނާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.


"ލަންކާގައި ހަމަނުޖެހުންތައް ބޮޑުވަނީ ޗައިނާގެ ރޯލް ބޮޑުވުމުން" ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ފައިނޭންޝަލް ޓައިމްސްގައި ލިޔެފައިވާ ލިޔުމަކަށް ރައްދު ދެމުން ލަންޑަނުގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާން ޒެން ރޮންގް ވިދާޅުވީ ޗައިނާ އަކީ ހަގީގަތުގައި ލަންކާ އަށް ހަމަޖެހުން ގެނެސްދޭ ގައުމެއް ކަމަށެވެ.

ރޮންގް ވިދާޅުވީ ޗައިނާ އަކީ ޒަމާނުއްސުރެ ލަންކާގެ ރަހުމަތްތެރި ގައުމެއް ކަމަށާއި މަޝްރޫއުތައް ހިންގަނީ ދެ ގައުމަށް ވެސް ފައިދާ ހުރި ގޮތުގައި ކަމަށެވެ.

"ދެ ގައުމުގެ ގުޅުމުން ދެ ގައުމަށް ވެސް ފައިދާ ކުރޭ. މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާގެ ކުންފުނިތަކުން ވަނީ ލަންކާގައި 15 ބިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގާފައި. އޭގެ ތެރޭގައި ފެނާއި ކަރަންޓާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭ. އެ މަސައްކަތްތަކުގެ ސަބަބުން ލަންކާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިފައިވޭ،" ރޮންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕުއްތަލަމް ޕަވަ ސްޓޭޝަނުން ލަންކާ އަށް ބޭނުންވާ ކަރަންޓުގެ 40 ޕަސެންޓް އުފެއްދޭނެ ކަމަށާއި އަދި ލަންކާގެ ކަރަންޓުގެ އަގު 25 ޕަސެންޓް ހެޔޮ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ކޮލަމްބޯ-ކަތުނަޔަކަ އެކްސްޕްރެސްވޭ ނިމުމުން ދަތުރު ފަތުރަށް ބޮޑު ލުޔެއް ލިބި ލޯކަލް ޓޫރިޒަމް ފުޅާވާނެ ކަމަށެވެ.

"ޗައިނާ-ސްރީ ލަންކާގެ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ކޮލަމްބޯ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލްގެ ސަބަބުން ކޮލަމްބޯ ބަނދަރުގެ ކެޕޭސިޓީ އެތައް ތަނެއް އިތުރުވާނެ،" ރޮންގް ވިދާޅުވި އެވެ.

ޕޯޓް ކަނެކްޓިވިޓީ އިންޑެކްސްއާ ހަވާލާދީ އޭނާ ވިދާޅުވީ ކޮލަމްބޯ ބަނދަރަކީ މިދިޔަ އަހަރު ދުނިޔޭގެ 13 ވަނަ ކަމަށާ އަދި ދެކުނު އޭޝިއާގެ އެއް ވަނަ ބަނދަރު ކަމަށެވެ. މިހާރު ހަދަމުންދާ ކޮލަމްބޯ ޕޯޓް ސިޓީ އާއި ހަމްބަންޓޯޓާ ބަނދަރާއި އިންޑަސްޓްރިއަލް ޒޯންގެ ސަބަބުން ލަންކާގެ އިގްތިސާދު އެތައް ތަނެއް ވަރުގަދަވާނެ ކަމަށް ވިދާޅުވި އެވެ. ހަމްބަންޓޯޓާ ބަނދަރު ލަންކާ އިން ވަނީ 1.1 ބިލިއަން ޑޮލަރަށް 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ.

ރޮންގް ވިދާޅުވީ ޗައިނާ އާއި ލަންކާގެ އިގްތިސާދީ އެއްބާރުލުމުގެ ސަބަބުން ލަންކާގައި 100،000 ވަޒީފާ އުފެދިފައިވާ ކަމަށާ އަދި ލަންކާގެ އެތައް ހާސް ބަޔަކު ޓެކްނިކަލް އަދި މެނޭޖްމަންޓުގެ ދާއިރާ އިން ތަމްރީނުކޮށްފައިވާ ކަމަށެވެ.

ރޮންގް ވިދާޅުވީ މިދިޔަ އަހަރާ ހަމައަށް ލަންކާގެ ބޭރުގެ ދަރަނީގައި ޗައިނާގެ ނިސްބަތަކީ 10 ޕަސެންޓް ކަމަށާއި އެކަމަކު ޖަޕާނުން 12 ޕަސެންޓް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ލޯން 14 ޕަސެންޓް ހިއްސާ ކުރާ ކަމަށެވެ.

"އެހެންވެ ޗައިނާގެ ލޯނުތައް ލަންކާ އަށް މައްސަލައަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.