ބަންގްލަދޭޝްގެ އިދިކޮޅު ކެންޑިޑޭޓަކަށް 82 އަހަރުގެ ވަކީލެއް!

ޑާކާ (ނޮވެމްބަރު 29) - ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީ، ބަންގަލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ އަށް ކުރިއަށް އޮތް އާއްމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވުމުން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި 82 އަހަރުގެ ވަކީލެއް ކަމަށް ކަމާލް ހުސައިން ނުކުތުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.


ބަންގްލަދޭޝްގެ މިނިވަންކަމުގެ މަސައްކަތުގައި އުޅުއްވި އޮކްސްފޯޑުން ތައުލީމް ހާސިލްކުރައްވާފައިވާ ބައިނަލްއަގުވާމީ ވަކީލް ވަނީ ޚާލިދާ ޒިއާގެ ބީއެންޕީއާ އެކު ކޯލިޝަނެއް އުފައްދައިފަ އެވެ. ކަމާލް ހުސައިން ވިދާޅުވީ އިދިކޮޅު އިއްތިހާދެއް ހަދަން ޖެހުނީ ގައުމުގައި ޑިމޮކްރެސީ އަލުން ގާއިމް ކުރަން ކަމަށެވެ.

ކަމާލް ހުސައިން ވަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ މަސައްކަތުގައި ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާންއާ އެކު ބައިވެރިވެވަޑައިގެންފަ އެވެ. އަދި ބަންގްލަދޭޝްގެ ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.

ޚާލިދާގެ ބީއެންޕީއާ އެކު ކަމާލް ހުސައިންގެ ނޭޝަނަލް ޔުނިޓީ ފްރަންޓުން ކޯލިޝަން ހެދި ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވޭ ވަރަށް ވުރެ މާ މުސްކުޅި ކަމަށެވެ. ނަމަވެސް ކޯލިޝަނުގައި ހިމެނޭ އިސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ އުމުރުން 92 އަހަރުގައި މެލޭޝިއާގެ ބޮޑު ވަޒީރުކަން މަހާތިރު މުހައްމަދު ކުރައްވަމުން ގެންދަވާ އިރު ކަމާލް ހުސައިން އަށް ވެސް ބޮޑު ވަޒީރުކަން ކުރެއްވޭނެ ކަމަށެވެ.

ކަމާލް ހުސައިން ވަނީ ހަސީނާގެ ބައްޕާފުޅު މުޖީބްއާ އެކު ޖަލުގައި ވެސް ދުވަސްތައް ހޭދަކުރައްވައިފަ އެވެ. ފަހުން ވަނީ ބަންގްލަދޭޝްގެ ފުރަތަމަ ލޯ މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.