ނޫސްވެރިޔާގެ ގާތިލް ތުރުކީއަށް ފޮނުވަން އުރުދުޣާން އަނެއްކާވެސް އެދިވަޑައިގެންފި

ބިއުނަސް އޭރީޒް (ޑިސެމްބަރު 2) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ސައުދީ އަރަބިއާ އިން ތުރުކީ އަށް ފޮނުވައިދިނުމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަނެއްކާ ވެސް އެދިވަޑައިގެންފި އެވެ.


އާޖެންޓީނާގައި ކުރިއަށް ދިޔަ ޖީ20 ސަމިޓަށް ފަހު ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާގެ މަރަކީ ދުނިޔެ އަށް ވެސް ޓެސްޓެއް ކަމަށެވެ. އެކަމަކު ސައުދީ ޝާހީ އާއިލާ އަށް އެއްވެސް ގެއްލުމެއް ލިބެން ނޭދޭނެ ކަމަށް ވިދާޅުވި އެވެ.

ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީން ވަނީ 18 މީހުން ކުރިން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ޝަރީއަތް ތުރުކީގައި ހިންގަން އެ ގައުމަށް ނުފޮނުވާނެ ކަމަށް ސައުދީން ވަނީ ބުނެފަ އެވެ. ނޫސްވެރިޔާގެ މަރާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުވައިގެން ދައްކާ ވާހަކަތައް ވެސް ސައުދީން ވަނީ ދޮގުކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ނޫސްވެރިޔާގެ މަރާ ގުޅިގެން މީޑީއާތަކުން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

ޖީ20 ސަމިޓުގައި ވަލީ އަހުދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އުރުދުޣާން ވިދާޅުވީ ސަމިޓުގެ ތެރޭގައި ނޫސްވެރިޔާގެ މަރާ ގުޅޭ ވާހަކަތައް ނުދައްކާ ކަމަށެވެ.