ދަނޑުވެރިއެއްގެ އިހްތިޖާޖް: ފިޔާ ވިއްކައިގެން ލިބުނު ފައިސާ މޯދީ އަށް ފޮނުވައިފި

މުމްބާއީ (ޑިސެމްބަރު 3) - އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގެ ދަނޑުވެރިއަކު ހައްދާ ފިޔާ އިން ކިލޯއެއް އެއް ރުޕީސް އަށް ވިއްކަން ޖެހުމުން އެކަމުގެ ހިތްހަމަނުޖެހުމުގައި، ފިޔާ ވިއްކައިގެން އޭނާ އަށް ލިބުނު ހުރިހާ ފައިސާއެއް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ފޮނުވައިފި އެވެ.


ނަޝިކް ޑިސްޓްރިކްޓުގެ ސަންޖޭ ސާތީ ބުނީ މި ސީޒަނުގައި ފިޔާ ހައްދައިގެން އޭނާ އަށް 750 ކިލޯ ލިބުނު ކަމަށެވެ. ނަމަވެސް ހޯލްސޭލް ބާޒާރަށް ވިއްކަން ޖެހުނީ ކިލޯއެއް އެއް ރުޕީސް އަށް ކަމަށް ބުންޏެވެ.

"އެ މީހުންނާ ވާހަކަ ދައްކައިގެން އެންމެ ފަހުން 1.40 ރުޕީސް ވިއްކައިގެން 1،050 ރުޕީސް ލިބުނު. ހަތަރު މަސް ދުވަހުގެ މަސައްކަތުން އެވަރު ލިބުމަކީ ހިތާމަހުރި ކަމެއް. އެހެންވެ އަހަރެން ނިންމީ އިހްތިޖާޖެއްގެ ގޮތުގައި، އެ ފައިސާކޮޅު ބޮޑު ވަޒީރުގެ އޮފީހުގެ ޑިޒާސްޓާ ރިލީފް ފަންޑަށް ހަދިޔާ ކުރަން. އެ ފައިސާ ފޮނުވަން އިތުރު 54 ރުޕީސް ޚަރަދު ކުރަން ޖެހުނު،" ޕީޓީއައި ނޫހަށް އޭނާ ބުންޏެވެ.

"އަހަރެންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ މީހެއް ނޫން. އެކަމަކު ދަނޑުވެރިންގެ ހިތްދަތިކަމަށް ސަރުކާރުން ސަމާލުކަން ނުދޭތީ އަހަރެން މިހުރީ ވަރަށް ހިތްހަމަނުޖެހިފައި،" ސަންޖޭ ބުންޏެވެ.

މިދިޔަ މަހު 29 ވަނަ ދުވަހު ސަންޖޭ ފޮނުވި ފައިސާ އެޑްރެސްކޮށްފައި ވަނީ ބޮޑު ވަޒީރު މޯދީ އަށެވެ.

މަހާރާޝްތުރާގެ އުތުރުން އޮންނަ ނަޝިކް ޑިސްޓްރިކްޓަކީ އިންޑިއާގައި އުފައްދާ ފިޔައިގެ 50 ޕަސެންޓް ހިއްސާކުރާ އަވަށެވެ.