އެމެރިކާގެ ދެ މަތިންދާ ބޯޓު ޖެހި ގެއްލުނު ފަޅުވެރިން ހޯދަނީ

ހިރޮޝީމާ (ޑިސެމްބަރު 6) - އެމެރިކާގެ ހަނގުރާމަ މަތީ ދެ މަތިންދާ ބޯޓު ވައިގެ ތެރޭގައި ޖެހި ގެއްލުނު ސިފައިންގެ ފަސް މީހުން ހޯދަން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.


ޖަޕާނުގެ ސަރަހައްދުގެ ތެރޭގައި ހިނގި މި އެކްސިޑެންޓުގައި ސިފައިންގެ ދެ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނީ ސަލާމަތް ކުރި ދެ މީހުންގެ ތެރޭން އެކެއްގެ ހާލު ރަނގަޅު ކަމަށެވެ. ދެ ވަނަ މީހާއާ ބެހޭ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކްސިޑެންޓްވެފައި ވަނީ ވައިގެ ތެރޭގައި ތެޔޮ އަޅަން ބޭނުން ކުރާ ކޭސީ-130 ގެ ބޯޓަކާއި ހަނގުރާމަ މަތީ އެފް/އޭ-18 ގެ ޖެޓެއް ޖެހިގެންނެވެ. އެމެރިކާގެ މީޑިއާތަކުން ބުނެފައި ވަނީ ދެ ބޯޓު ޖެހުނީ ވައިގެ ތެރޭގައި ތެޔޮ އަޅަން އުޅެނިކޮށް ކަމަށެވެ.

އެކްސިޓެންޓްވި އެއް ބޯޓު ކަމަށްވާ އެފް-18 ގެ ބޯޓެއް. --ފޮޓޯ:އޭއެފްޕީ

ސީ-130 ބޯޓުގައި ފަސް ފަޅުވެރިން އަދި އެފް-18 ގައި ދެ ފަޅުވެރިން ތިއްބެވެ. ސަލާމަތް ކުރި އެކަކު އިނީ ފައިޓަ ޖެޓުގަ އެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޓަކެޝި އިވާޔާ ވިދާޅުވީ ގެއްލުނު ފަޅުވެރިން ހޯދަން ޖަޕާނުގެ ނުވަ މަތިންދާ ބޯޓާއި ތިން މަނަވަރު ބޭނުން ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ 50،000 ސިފައިން ޖަޕާނުގައި ތިބެ އެވެ.