ވާވޭގެ ވެރިޔާ ހައްޔަރު ކުރުމުގައި ސިޔާސީ ކަމެއް ނެތް: ކެނެޑާ

އޮޓާވާ (ޑިސެމްބަރު 7) - ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ހައްޔަރު ކުރުމުގެ ފަހަތުގައި ސިޔާސީ ބޭނުމެއް ނެތް ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.


ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު 1 ވަނަ ދުވަހު އެވެ. އަދި އޭނާ އެމެރިކާއާ ހަވާލު ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޗައިނާ އިން ވަނީ ވަންޒޫ ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި އެއްވެސް ސަބަބެއ ނެތި މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށް ވަނީ ބުނެފަ އެވެ. ވަންޒޫގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ވާވޭ އިން ވެސް ބުނެފައި ވަނީ ވަންޒޫ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ.

ޗައިނާގެ ވާވޭ ކުންފުނީގެ ސީއެފްއޯ މެންގް ވަންޒޫ. --ފޮޓޯ:ރޮއިޓާސް

ވަންޒޫ ހައްޔަރުކޮށްފައި ވަނީ އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގަ އެވެ.

އެމެރިކާ އިން ދަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ވާވޭ އިން ޚިލާފުވި މައްސަލައެއް ބަލަމުންނެވެ.

ވާވޭ ކުންފުނީގެ އިސްވެރިއަކު ހައްޔަރުކޮށްފައި މިވަނީ ހުޅަނގުގެ ގައުމުތަކުގައި ވާވޭ ޓެކްނޮލޮޖީ މަނާ ކުރަން އުޅޭ ދުވަސްވަރެއްގަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ވާވޭ އަކީ އެ ގައުމުގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ.