އެމެރިކާގެ އދ.ގެ ސަފީރު ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން

ވޮޝިންޓަން (ޑިސެމްބަރު 7) - އދ. އަށް އެމެރިކާ އިން ކަނޑައަޅާ ސަފީރުގެ މަގާމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީދާ ނައުއާޓުގެ ނަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.


އެ ޚަބަރު ފުރަތަމަ އާއްމު ކުރި ޗެނަލްތަކުގެ ތެރޭގައި ނައުއާޓް ޕްރެޒެންޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ފޮކްސް ނިއުސް ހިމެނެ އެވެ.

އދ. އަށް އެމެރިކާ އިން އާ ސަފީރެއް ހަމަޖައްސަނީ މިހާރުގެ ސަފީރު ނިއްކީ ހޭލީ މި އަހަރު ނިމުމުން އިސްތިއުފާ ދެއްވަން ނިންމާފައިވާތީ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ހޭލީ، 46، ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާންގެ މަގާމަށް ނައުއާޓް، 48، ހަމަޖެއްސީ އެޕްރީލް، 2017 ގަ އެވެ. އދ.ގެ ސަފީރު ކަމަށް ހަމަޖައްސާ ފަރާތަކަށް އެމެރިކާގެ ސެނެޓުން ރުހުން ދޭން ޖެހޭނެ އެވެ.

ނައުއާޓް ވަނީ 1988-2005 އަށް ފޮކްސް ނިއުސްގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ދެ އަހަރު އޭނާ ވަނީ އޭބީސީ ނިއުސްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.