ފްލައިޓް ތެރޭގައި ވިހެއުމުން އިމަޖެންސީގައި ޖައްސައިފި

ނިއު ދިއްލީ (އޮގަސްޓް 17) - ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ފިލިޕީންސް އަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ދުވަސް ނުފުރާ މީހަކު ވެހެއުމުން ކުއްލި ހާލަތުގައި އެ ބޯޓު އިންޑިއާގެ ހައިދަރުއާބާދަށް ޖައްސައިފި އެވެ.


ދުވަސް ފުރުމުގެ ދެމަސް ކުރިން އަންހެން މީހާ ވިހެއީ ދުބާއީ އިން މެނީލާ އަށް އާދިއްތަ ދުވަހުގެ ރޭ ދަތުރުކުރި ސީބޫ ޕެސިފިކް އެއާގެ ފްލައިޓުގަ އެވެ. އަންހެން މީހާ ބަނޑުގައި ރިހެން ފެށުމުން ފްލައިޓް އެޓެންޑެންޓުން ވަނީ ސިއްހީ އެހީތެރި ކަމަށް އެދި ގޮވައިފަ އެވެ. އެ ވަގުތު ޕަސިންޖަރުންގެ ގޮތުގައި އެ ފްލައިޓުގައި ތިބި ދެ ނަރުހަކު ވަނީ އަންހެން މީހާ ވިއްސުމުގައި އެހީތެރިވެދީފަ އެވެ. އޭނާ ވިއްސީ ކެބިންގެ ކުރިން ޖާގަ ހުސްކޮށްފަ އެވެ. ފްލައިޓް އެޓެންޑެންޓުންނާއި ނަރުހުން، ތުއްތު ކުއްޖާ ސާފު ކުރީ މިނެރަލް ވޯޓާ އިންނެވެ. އަދި ކުޑަ ކުދިންނާ އެކު ދަތުރުކުރި ޕަސިންޖަރުން ވަނީ އެ ކުއްޖާ އަށް ހެދުމާއި ރަޖާ ފަދަ ތަކެތި ހަދިޔާކޮށްފަ އެވެ.

ބޯޓުގެ ޕައިލެޓް ކުއްލި ހާލަތުގައި ހައިދަރުއާބާދަށް ބޯޓު ޖެއްސީ މަންމަ އާއި ކުޑަދަރިފުޅަށް އިތުރު ފަރުވާ ދިނުމަށެވެ. އެއާޕޯޓުގެ މެޑިކަލް ސްޓާފުން މަންމަ އާއި ކުޑަ ދަރިފުޅު ބެލުމަށް ފަހު ހައިދަރުއާބާދުގެ ހޮސްޕިޓަލަކަށް ވަނީ ފޮނުވައިފަ އެވެ. ކުއްޖާ އާއި މަންމަގެ ހާލު ރަނގަޅު ކަމަށްވެ އެވެ. އަންހެން މީހާއާ އެކު އޭނާގެ މަންމަ ވެސް ދަތުރުކުރި އެވެ. އެ އަންހެން މީހާގެ ގައުމެއް ހާމަކޮށްފައެއް ނުވެ އެވެ. އަންހެން މީހާއާ އެކު ދަތުރުކުރި ރަހުމަތްތެރި އަކު ވަނީ ކުޑަ ކުއްޖާ އާއި މަންމަގެ ފޮޓޯތައް ފޭސްބުކަށް ލައިފަ އެވެ.