ފްރާންސްގެ ދާޚިލީ ކަންކަމާ ޓްރަމްޕް ބެހިގެން ނުވާނެ: މިނިސްޓަރު

ޕެރިސް (ޑިސެމްބަރު 9) - ފްރާންސްގެ ދާޚިލީ ކަންކަމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބެހިވަޑައިނުގަތުމަށް ފްރާންސްގެ ޚާރިޖީ ވަޒީރު އެދިވަޑައިގެންނެވި އެވެ.


"އެމެރިކާގެ ދާޚިލީ ކަންކަމާ ފްރާންސް އިން ވެސް ބެހި ނުހަދާ. އަޅުގަނޑުމެން ގަބޫލް ކުރަނީ އޭގެ އަނެއް ކޮޅު ވެސް އެގޮތަށް އޮންނަން ޖެހޭނެ ކަމަށް،" އެލްސީއައި ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޖީން ވެސް ލެ ޑްރިއަން ވިދާޅުވި އެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާއި ޕެރިސް ކްލައިމެޓް އެއްބަސްވުމަށް ބަހުގެ ހަމަލާ ރައްދުވާ ގޮތަށް ޓްރަމްޕް ވަނީ ޓްވީޓްތައް ކުރައްވައިފަ އެވެ.

ތެލުގެ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ފްރާންސްގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ވަރުގަދަވެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މުޒާހަރާތަކުގައި މިހާތަނަށް ވަނީ 1،700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.