ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ
09 ޑިސެމްބަރ 2018 - 17:59
ކޮލަމްބޯ (ޑިސެމްބަރު 9) - ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަގަނޑުގައި ގައުމު ހުއްޓިފައި އޮތް އޮތުމަށް ހައްލެއް ލިބެން އޮތީ ވީހާ ވެސް އަވަހަކަށް އިންތިޚާބު ބާއްވައިގެން ކަމަށް ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
މަގާމަށް ހަމަޖެއްސި ނަމަވެސް ޕާލަމެންޓުގެ އަޣުލަބިއްޔަތު ރާޖަޕަކްސާ އަށް ނެތުމުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ވަނީ ހުރަސްތައް ދިމާވެފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާޖަޕަކްސާ ވިދާޅުވީ ގައުމު މިހާރު އޮތީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި ކަމަށާއި ރައްޔިތުން ވެސް އެދެނީ ވީހާވެސް އަވަހަކަށް އިންތިޚާބެއް ބޭއްވުމަށް ކަމަށެވެ. ޕާލަމެންޓް އުވާލި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކާ މެދު ދެން ކަންތައް ކުރައްވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ރާޖަޕަކްސާ ވިދާޅުވީ އެކަމަށް ޖެހޭނީ އިންތިޒާރު ކުރަން ކަމަށެވެ.
ރާޖަޕަކްސާ ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮތްހާ ދުވަހަކު ސިޔާސީ ކަންކަމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy