ރަނިލް އަށް އަަލުން ބޮޑު ވަޒީރުކަން ދީފި

ކޮލަމްބޯ (ޑިސެމްބަރު 16) - މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ސްރީ ލަންކާގެ ބޮޑު ވަޒީރުކަން އަލުން މިއަދު ދީފި އެވެ.


ބޮޑު ވަޒީރުގެ މަގާމަށް ރަނިލް ހަމަޖެއްސުމާ އެކު ލަންކާގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި 51 ދުވަހަށް ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ އެވެ.

އުމުރުން 69 އަހަރުގެ ރަނިލް ހުވާ ކުރެއްވީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ކުރިފުޅުމަތީގަ އެވެ.

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ޕާލަމެންޓް އުވާލިތާ ހަތަރު ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޕާލަމެންޓުގެ ޖަލްސާތައް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ނެރެފަ އެވެ.

ރަނިލް އަށް ބޮޑު ވަޒީރުކަން ދެއްވަން ސިރިސޭނާ ތަކްރާރުކޮށް ދެކޮޅު ހެއްދެވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ސިރިސޭނާގެ ނިންމެވުން ވަނީ ބަދަލު ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ޕާލަމެންޓް އުވާލުން ގާނޫނު އަސާސީއާ ޚިލާފު ކަމަށެވެ. އަދި ޖެނުއަރީ 5 ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އިންތިޚާބު ވެސް ސުޕްރީމް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ.