ލަންކާ ރައީސްގެ ބާރުތައް ކުޑަ ކުރަނީ

ކޮލަމްބޯ (ޑިސެމްބަރު 19) - ސްރީ ލަންކާގެ ރައީސް އަށް ލިބިފައިވާ ބާރުތައް ކުޑަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުނެފި އެވެ.


ޔޫއެންޕީ އާއި ޔުނައިޓެޑް ނޭޝަނަލް ފްރަންޓުގެ ޕާލަމެންޓުގެ މެންބަރު މާލިކް ސަމަރަވިކްރަމާ ވިދާޅުވީ ލަންކާގައި ދާދި ފަހުން އުފެދުނު ސިޔާސީ މައްސަލަ ގަނޑަކީ އެގްޒެކެޓިވް ޕްރެޒިޑެންސީ ނިޒާމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ 2015 ވަނަ އަހަރު ގާއިމްކުރި އެއްބައިވަންތަ ސަރުކާރުން ވަނީ އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލަން އެއްބަސްވެފައި ކަމަށެވެ. އަދި އެއީ އުވާލަން ޖެހޭ ނިޒާމެއް ކަމަށް މިހާރު މާބޮޑަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ. އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލަން ހުށަހަޅާ މައްސަލަ އަށް ހުރިހާ ޕާޓީއަކުން ވެސް ތާއީދު ކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ރައީސްގެ ބާރުތައް ކުޑަ ކުރަން ޕާލަމެންޓަށް ހުށަހަޅާފައި ވަނީ މާކްސިސްޓް ޕާޓީންނެވެ. ޔޫއެންޕީގެ އިތުރުން ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އާއި ސްރީ ލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) އިން ވެސް ވަނީ އެކަމަަށް ތާއީދުކޮށްފަ އެވެ.

ރަނިލް ވެސް ވިދާޅުވެފައި ވަނީ ލަންކާގައި އުފެދޭ ސިޔާސީ މައްސަލަތަކުގެ ހައްލު އޮތީ އެގްޒެކެޓިވް ޕްރެޒިޑެންސީ ނިޒާމް އުވާލައިގެން ކަމަށެވެ.